އުރީދޫ މޯލްޑިވްސް އާއި ސްރީލަންކާގެ ޓެލެމެޑެސިން ޕްލެޓްފޯމް، އޯޑޮކްގެ ޕާޓްނަޝިޕް މިއަދު އިއުލާނުކޮށްފިއެވެ.
ސްރީލަންކާ ރައްޔިތުންގެ މަގުބޫލުކަން ހޯދާފައިވާ އެ ޕްލެޓްފޯމް އަކީ ޕޭޝަންޓުންނާއި ޑޮކްޓަރުން، ވީޑިއޯ އަދި އޯޑިއޯ ކޯލް މެދުވެރިކޮށް ގުޅުވާލަދޭ އޮންލައިން ޕްލެޓްފޯމްއެއް ކަމަށް އުރީދޫ އިން ބުނެއެވެ.
އުރީދޫ އިން ބުނީ އެ ޕާޓްނާޝިޕް ގާއިމް ކުރެވިފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ހިދުމަތްތަކާ ދިވެހި ރައްޔިތުން (ރާއްޖޭގައި ތިބެގެން) ގުޅުވާލަދިނުމުގެ މަގްސަދުގައި ކަމަށެވެ.
އެޕާޓްނާޝިޕްގެ ދަށުން އޯޑޮކް މެދުވެރިކޮށް ޑޮކްޓަރަށް ދައްކާ އުރީދޫ ކަސްޓަމަރުން ބިލް ދެއްކުމަށް ކްރެޑިޓް ނުވަތަ ޑެބިޓް ކާޑް ބޭނުންކުރުމުގެ ބަދަލުގައި ރައްކާތެރިކަމާއިއެކު ޕޯސްޓްޕެއިޑް ބިލުން ނުވަތަ ޕްރީޕެއިޑް ބެލެންސްއިން އިން ފައިސާ ދައްކާލެވޭނެ ކަމަށް އުރީދޫ އިން މައުލޫމާތު ދެއެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ހާން ވިދާޅުވީ އޯޑޮކް އާއި އެކު ގާއިމްކުރެވުނު ޕާޓްނާޝިޕްގެ ދަށުން ކަސްޓަމަރުންނަށް ޑިޖިޓަލްކޮށް ޑޮކްޓަރަށް ދައްކަން އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި އޯޑޮކް އަކީ ޕޭޝަންޓުން ގޭގައިތިބެގެންވެސް ޑޮކްޓަރުންނާއި ގުޅުވާލަދީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކާ ގުޅުވާލަދޭ ވަރަށް ފުރިހަމަ ޕްލެޓްފޯމްއެއް ކަމަށް ވެސް ނަޖީބު ވިދާޅުވިއެވެ.
އުރީދޫ އިން ބުނީ އޯޑޮކް ވާޗުއަލް ކްލިނިކް މެދުވެރިކޮށް ސްރީލަންކާގެ 450 އަށްވުރެ ގިނަ ޑޮކްޓަރުންގެ ހިދުމަތް ލިބިގަތުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ސްރީލަންކާގެ އަދި ރާއްޖޭގެ، އާންމު ބަލިތަކާބެހޭ ޑޮކްޓަރުން، ކުޑަކުދިންގެ ޑޮކްޓަރުން، ހަމުގެ ޑޮކްޓަރުން، އަންހެނުންގެ ޑޮކްޓަރުން އަދި ނަފްސާނީ ބަލީގެ ޑޮކްޓަރުންވެސް ހިމެނެއެވެ.
އޭގެ އިތުރުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ޑޮކްޓަރުންވެސް އޯޑޮކް ޕްލެޓްފޯރމް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސްތު ލިބިގެންދާނެ ކަމަށް އުރީދޫ އިން މައުލޫމާތު ދެއެވެ. އޯޑޮކް ޕްލެޓްފޯރމްގެ ހުރިހާ ޑޮކްޓަރުންނަކީވެސް ޑޮކްޓައެއްގެ ގޮތުގައި ރެޖިސްޓާވެ މަދުވެގެން 5 އަހަރުގެ ތަޖުރިބާހުރި ޑޮކްޓަރުންކަމުގައި އެ ޕްލެޓްފޯމްއިން ޔަގީންކޮދޭ ކަމަށް އުރީދޫ އިން ބުނެއެވެ.
އުރީދޫ އިން ބުނީ ޕްލެޓްފޯމް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމަށްފަހު، ޑޮކްޓަރުގެ ސޮއި އަދި ސްޓޭމްޕާއި އެކު ބޭސް ސިޓީ ފޯނަށް ފޮނުވާލަދެވޭނެ ކަމަށެވެ. އަދި އެމެރިކަން މެޑިކަލް އެސޯސިއޭޝަންގެ ހޯދުންތަކުން ދައްކާގޮތުގައި ޑޮކްޓަރަށް ދައްކާ %75 ފަހަރު، އެކަމަކީ ވީޑިއޯ ކޯލް ނުވަތަ ފޯންކޯލް މެދުވެރިކޮށް ވެސް ރަނގަޅަށް ފަރުވާކުރެވޭނެ ކަންކަމެއް ކަމަށެވެ.
އަދުގެ ކުރިއަރާފައިވާ ޓެކްނޮލޮޖީއާއެކު މީހުންގެ ދިރިއުޅުން ވެސް އަންނަނީ އެއްދުވަހުން އަނެއްދުވަހަށް ޑިޖިޓަލްވަމުންނެވެ. އަވަސް އަދި ފެންވަރު ރަނގަޅު ހިދުމަތްތަކާއި އިންޓަނެޓް މެދުވެރިކޮށް ގުޅުވާލަދެވޭ މި ޒަމާނުގައި ޓެލެމެޑިސިންގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ އިތުރުވަމުންނެވެ. މިގޮތުން އޯޑޮކް ވެސް ވަނީ ސްރީލަންކާގައި މަގުބޫލުކަން ހޯދާ، 200،000 އަށް ވުރެ ގިނަ މީހުންގެ އިތުބާރު ހޯދާފައެވެ.