ޓީވީ ޓޯކް ޝޯތައް ހުށަހަޅާދީގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ލެރީ ކިންގްގެ 2 ދަރިން، ކައިރި ކައިރީގައި މި ދުނިޔެއާއި ވަކިވެއްޖެއެވެ.

އުމުރުން 86 އަހަރުގެ ލެރީ ކިންގްގެ ފިރިހެން ދަރިފުޅު، އޭންޑީ ކިންގް، އުމުރުން 65 އަހަރުގައި ޖުލައި މަހު މަރުވީ ކުއްލި ގޮތަކަށް ޖެހުނު ހާޓްއެޓޭކް އެއްގައެވެ. އޭގެ 23 ދުވަސް ފަހުން، އަންހެން ދަރިފުޅު، 52 އަހަރުގެ ޝާއިއާ ކިންގް މަރުވީ ހުސްވި ހަފުތާ ތެރޭގައެވެ. އޭނާ މަރުވީ ފުއްޕާމޭގެ ކެންސަރު ބަލީގައެވެ.

އެއް ދަރި ވަކިވެ ދިޔަތާ މަހެއްވެސް ނުވަނީސް 2 ވަނަ ދަރިފުޅުވެސް މި ދުނިޔެއާއި ވަކިވެ ދިއުމުގެ ފުން ހިތާމާގައި ހުރި ލެރީ ކިންގްވަނީ އަސަރުގަދަ ޕޯސްޓެއްވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. އެގޮތުން މައިންބަފައިން ދުނިޔޭގައި ތިބެ، ދަރިން މަރުވެގެންދާ މަންޒަރު ބެލުމަކީ ހިތަށް ކެތްވާވަރުގެ ކަމެއް ނޫންކަން ދޭހަވާފަދަ މޭރުމަކުން ލެރީ ކިންގް ވަނީ އޭނާގެ ހިތުގެ ޝުއޫރުތައް ބަންޑުންކޮށްލާފައެވެ.

ލެރީ ކިންގަށް 5 ދަރިން ލިބިފައިވާއިރު، އަނެއް 3 ކުދިން ދުނިޔޭގައި އެބަތިއްބެވެ.