އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަކީ އެއްވެސް "ގޮތެއް ފޮތެއް، ނުލަފާ މީހެއް" ކަމަށް އެމެރިކާގެ ކުރީގެ ފެޑަރަލް ޖަޖް އަދި ޓްރަމްޕްގެ ދައްތާފުޅު މެރީއޭން ޓްރަމްޕް ބޭރީ ވިދާޅުވާ އަޑު އިވޭ އޯޑިއޯ ކުލިޕެއް އާންމުވެއްޖެއެވެ.

މީގެ އިތުރުން ކޮލެޖަށް ވަނުމަށް ހަދަންޖެހޭ އެސްއޭޓީ އިމްތިހާނުގައި ޓްރަމްޕްގެ ފަރާތުން ޖަވާބުތައް ފޯރުކޮށްދިނީ އެހެން މީހެއް ކަމަށާ، އެކަން ކުރުވާފައިވަނީވެސް ފައިސާ ދީގެން ކަމަށްވެސް މޭރީއޭން ވިދާޅުވެއެވެ.

މި އޯޑިއޯ ކުލިޕަކީ، ޓްރަމްޕަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރައްވާ، ދާދިފަހުން ފޮތެއް ޝާއިއު ކުރެއްވި މޭރީ ޓްރަމްޕް، ބޮޑުދައިތަ މޭރީއޭންއަށް ނޭނގި، ރެކޯޑްކުރެއްވި އަޑުތަކެއް ކަމަށް މައުލޫމާތު ލިބެއެވެ. މޭރީއޭން ޓްރަމްޕަށް ބޮޑުދައިތަ ވިދާޅުވާ މޭރީ ޓްރަމްޕް ވިދާޅުވީ، މި އޯޑިއޯއަކީ 2018 ވަނަ އަހަރާ 2019 ވަނަ އަހަރު ރެކޯޑް ކުރެއްވި އަޑުތަކެއް ކަމަށެވެ.

މި ރެކޯޑިންގްތަކުގެ ވާހަކަތައް އެންމެ ފުރަތަމަ ޝާއިއުކުރީ ވޮޝިންގްޓަން ޕޯސްޓުންނެވެ. އޭގެ ފަހުން، ދި އެސޯސިއޭޓަޑް ޕްރެސްއިންވަނީ އެކަމާ ބެހޭ ވާހަކަތަކެއް އާންމުކޮށްފައެވެ.

މި ކަމާ ގުޅިގެން ޓްރަމްޕް ވިދާޅުވަނީ ކޮންމެ ދުވަހަކުވެސް މިފަދަ ކޮންމެވެސް ކަމެއް ވާނެ ކަމަށާ، އެކަމަކާ މާ ބޮޑު ފަރުވާލެއް ނެތް ކަމަށެވެ. އެންމެން އިއްތިފާގު ނުވި ކަމުގައި ވީ ނަމަވެސް، ކުރިއަށްވުރެ ބާރުގަދަ ކޮށް ހުންނަވާނެ ކަމަށާ، އެމެރިކާގެ ރައްޔިތުންގެ ހައްގުގައި ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.