ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖިނާއީ ބޮޑެތި ޖަރީމާތަކަށް އަރައިގެންފައިވާ ކުށްވެރިންނަށް، ސައިޕްރަސްއިން ރަށްވެހިކަން "ވިއްކާފައި" ވާ ކަމަށް ބުނާ ލިޔެކިއުންތަކެއް ލިބިފައިވާކަމަށް، ބައިނަލްއަގުވާމީ ޚަބަރު ފެތުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ އަލްޖަޒީރާއިން ރިޕޯޓް ކޮށްފިއެވެ.
އަލް ޖަޒީރާގެ ތަހުގީގުތަކާ ބެހޭ ޔުނިޓަށް ލިބިފައިވާ ސައިޕްރަސްގެ ރަސްމީ ލިޔެކިއުންތަކަކާ ހަވާލާދީ، އެ މީޑިއާއިން އާންމު ކުރި ރިޕޯޓްގައި ބުނެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 70އަށްވުރެ ގިނަ ގައުމުގައި ޖިނާއީ ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ބަޔަކަށް ސައިޕްރަސްއިން "ރަން ޕާސްޕޯޓް" ދޫކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި، މަކަރާ ހިޔާނާތުގެ މައްސަލަތަކާ، ކަޅު ފައިސާ ދޮވުމުގެ މައްސަލަތަކުގައި ބެދިފައިވާ ފަރާތްތަކާ، ކޮރަޕްޝަންގެ ދައުވާތައް އަމާޒުވާ ސިޔާސީ ޝަހްސުތަކެއްވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.
"ސައިޕްރަސް ޕޭޕާޒް" ގެ ނަމުގައި ލީކުކޮށްފައިވާ ލިޔެކިއުންތަކުގައި ހިމެނެނީ، 2017 – 2019 ވަނަ އަހަރާ ދެމެދު ސައިޕްރަސްގެ ޕާސްޕޯޓް ހޯދަން އެދިގެން ސަރުކާރުގެ ކަމާބެހޭ ފަރާތަށް ހުށަހަޅާފައިވާ 1400 އަށްވުރެ ގިނަ އެޕްލިކޭޝަން ފޯމުތަކުގެ ތެރެއިން، ސަރުކާރުން ރުހުން ދީފައިވާ ފޯމުތަކުގެ މައުލޫމާތެވެ. މިއާއެކު، ސައިޕްރަސް އިންވެސްޓްމަންޓް ޕްރޮގްރާމާ ބެހޭ ބޮޑެތި ސުވާލުތަކެއް ވަނީ ފެންމަތިވެފައެވެ.
ސައިޕްރަސްގެ ޕާސްޕޯޓެއް ލިބުމަކީ، ވިލާތަށް އެތެރެވުމުގައި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ގައުމުތަކަށް ނިސްބަތްވާ މީހުންގެ ތެރެއިން ވިލާތަށް އެތެރެވާން ބޭނުންވާ މީހުންނަށް އިންތިހާއަށް މުހިންމު ހަތިޔާރެކެވެ. ސައިޕްރަސްއަކީ ވިލާތުގެ އިއްތިހާދު (އީޔޫ)ގެ މެމްބަރަކަށް ވާއިރު، ސައިޕްރަސްގެ ޕާސްޕޯޓެއް އެމީހާގެ އަތުގައި އޮތުމަކީ ވިލާތުގެ އިއްތިހާދުގެ 27 މެމްބަރު ގައުމުގެ މެދުގައި މިނިވަންކަމާއެކު ދަތުރުފަތުރުކޮށް، އެ ގައުމުތަކުގައި މަސައްކަތް ކުރުމުގެ އިތުރުން، ބޭންކިންގް ހިދުމަތްތައް ލިބިގަތުމަށްވެސް މަގު ތަނަވަސްކޮށްދޭ ކަމެކެވެ.
ބިދޭސީއަކު ސައިޕްރަސްއިން ޕާސްޕޯޓެއް ހޯދަން ބޭނުން ނަމަ، އެ ގައުމުގެ އިގުތިސޯދުގައި އެންމެ މަދުވެގެން 2.15 މިލިއަން ޔޫރޯ (2.5 މިލިއަން ޑޮލަރު) އިންވެސްޓް ކުރަންޖެހެއެވެ. އާންމުކޮށް މިކަން ކުރަނީ ސައިޕްރަސްއިން ބިންގަނެގެންނެވެ. އަދި އެމީހަކީ ޖިނާއީ ކުށުގެ ސާފު ރެކޯޑެއް އޮތް މީހަކަށްވެސް ވާންޖެހެއެވެ.
އެމީހަކީ ސަޕްރަސްގެ ޕާސްޕޯޓް ހައްގު މީހެއްކަން ކަށަވަރުކޮށްދިނުމަށް ވަނަވަރު ހުށަހަޅަން ޖެހެނީ އަމިއްލަ މީހާއެވެ. ނަމަވެސް ޕާސްޕޯޓް ދޫކުރުމުގެ ކުރިން، ވަނަވަރުގައިވާ މައުލުމާތުގެ ސައްހަކަން ކަށަވަރު ކުރާ ކަމަށް ސައިޕްރަސްއިން ބުނެއެވެ. ކަންމިހެން އޮތް ނަމަވެސް، "ސައިޕްރަސް ޕޭޕާޒް" އިން ދިނީ ތަފާތު މެސެޖެއް ކަމަށް އަލްޖަޒީރާއިން ބުނެއެވެ.
ސައިޕްރަސްއިން ހިންގާ މި ޕްރޮގްރާމަށް ވިލާތުގެ ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. ރަޝިއާއާއި ޗައިނާ ފަދަ "ސުވާލު އުފެދޭ" ގައުމުތަކަށް ނިސްބަތްވާ ފަރާތްތަކަށްވެސް މިނިވަންކަމާއެކު ވިލާތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ސައިޕްރަސްއިން ފަހިކޮށްދޭ ކަމުގެ ތުހުމަތުތައް ވަނީ ފެންމަތިވެފައެވެ.
2017-2019 ވަނަ އަހަރާ ދެމެދު ސަޕްރަސްގެ ޕާސްޕޯޓަށް އެދި އެންމެ ގިނަ އަދަދަކަށް ހުށަހަޅާފައިވަނީ ޔޫކްރައިން، ޗައިނާ އަދި ރަޝިއާއަށް ނިސްބަތްވާ މީހުންގެ ފަރާތުން ކަމަށް އަލްޖަޒީރާއިން ބުނެއެވެ. އޭގެ ތެރޭގައި، ކޮރަޕްޝަންގެ ބޮޑު ދައުވާއެއްގައި ބެދިފައިވާ ޔޫކްރައިންގެ ވިޔަފާރިވެރިޔާ މައިކޯލާ ޒްލޯޗޭވްސްކީވެސް ހިމެނޭ ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން ރަޝިއާގެ ގެޒްޕްރޮމް ކުންފުނީގެ ކުރީގެ ވެރިޔާ ނިކޮލާއި ގޮރްނޯވްސްކީއަށްވެސް ސައިޕްރަސްގެ ލިސްޓުގައި ހިމެނޭ ކަމަށާ، އޭނާއަކީ ރަޝިއާއިން އެންމެ ހޯދަން ބޭނުންވާ މީހުންގެ ލިސްޓުގައިވެސް އޮތް މީހެއްކަން އަލްޖަޒީރާއިން ފާހަގަކުރެއެވެ.
ސައިޕްރަސްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ "ރަން ޕާސްޕޯޓް" ސްކީމާ ގުޅިގެން ފިޔަވަޅުތައް ހަރުކަށިކޮށްފައެއްވެ. ނަމަވެސް ވަކި ބައެއްގެ ނުފޫޒާއެކު، އެ ޕާސްޕޯޓް ދޫކުރާ މީހުންގެ ނަންތައްވެސް އޮތީ ސިއްރު ކޮށްފައެވެ. 2019 ވަނަ އަހަރުގެ މެއި މަހު، މި ސްކީމަށް އިސްލާހީ ބަދަލުތަކެއް ގެނައި ކަމުގައި ވީ ނަމަވެސް، "ސައިޕްރަސް ޕޭޕާޒް"އިން އާ ވާހަކަތަކެއް ހާމަކޮށްދީފިއެވެ.
ސައިޕްރަސްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އެލީނީ މާވްރޫ ވިދާޅުވީ، މިއީ ސައިޕްރަސްއިން ލަދުގަންނަންޖެހޭނެ ކަމެއް ކަމަށެވެ. ނަމަވެސް ސައިޕްރަސްގެ ދާހިލީ ވަޒީރު ނީކޯސް ނޫރީސް ވިދާޅުވަނީ ހެދިފައިވާ ގާނޫނާ ގަވައިދާ ހިލާފަށް އެއްވެސް މީހަކަށް ރަށްވެހިކަން ދޫކޮށްފައި ނުވާނެ ކަމަށެވެ.
"ސައިޕްރަސް ޕޭޕާޒް" އިން ލީކުވެފައިވާ ލިޔެކިއުންތަކުގައި އެކުލެވޭ މައުލުމާތުގެ މައްޗަށް ބިނާކޮށް، އާންމު އުސޫލުން ޕާސްޕޯޓް ހައްގު ނުވާ މީހުންގެ ތެރެއިން، ޕާސްޕޯޓް ދޫކޮށްފައިވާ ފަރާތްތަކުގެ ވަނަވަރުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަ ކުރަމުންދާނެ ކަމަށް އަލްޖަޒީރާއިން ވަނީ ބުނެފައެވެ.