ކޮވިޑުން ރައްކާތެރިވުމަށް ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް ދަރުބާރުގެ ކުރިމައްޗަށް މީހުން އެއްވެ އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ރޭ ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) ގެ ފަރާތުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިރެއިން ފެށިގެން ރޭގަނޑު 8 އިން ފަތިހު 5 އާ ދެމެދު މާލެ ސަރަހައްދުގައި މަގުމަތީ ދުއްވާ އުޅަނދު ދުއްވުން މަނާކޮށް އެވަގުތު ތަކުގައި އުޅަނދު ދުއްވާ ފަރާތްތައް ޖޫރިމަނާ ކުރާ ގޮތަށް ނިންމާފައިވާ ކަމަށް ބުނެފައެވެ. މި ކަމާ ގުޅިގެ އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެގޮތުން ދަރުބާރުގެ ކައިރީގައި ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއެކު ބަޔަކު އިހުތިޖާޖު ކުރަމުން ދާ އިރު އެ ސަރަހައްދުގައި މިހާރު ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ. އިހުތިޖާޖުގެ ބައިވެރިންގެ ޝުއޫރުތައް ލިޔެފައިވާ ބައެއް ބޯޑުތަކުގައި ބުނާ ގޮތުގައި ވިޔަފާރި ކުރާ ފަރާތްތަކަށް އެއީ އެޅިގެން ދާނެ ވަރަށް ބޮޑު ހުރަހެކެވެ. އަދި ރޭގަނޑު އެ ވަގުތުގައި ދުއްވާ އެއްޗެހި ނުދުއްވާ ގޮތަށް ނިންމުމަކީ ކީއްވެގެން ކުރާ ކަމެއް ކަން ސާފުކޮށް ދިނުމަށް އެދޭ ކަމަށް ބުނާ ޕޯސްޓަރުތައް ވެސް އިހުތިޖާޖުގެ ބައިވެރިން ތިބީ ހިފައިގެންނެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ ރާއްޖޭގައި މިހާރު ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާ އިރު އެންމެ ގިނައިން މި ބަލި ޖެހެނީ ޒުވާނުންނަަށް ކަމަށެވެ. އެގޮތުން ރޭގަނޑު 8 އިން ފަތިހު 5 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ އަމާޒަކީ އެންމެ ބޮޑަށް ބަލި ފެތުރޭކަމަށް ރިކޯޑު ކުރެވިފައި ވާ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުން ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

އަދި އެ ފިޔަވަޅުތަކަކީ ކޮންމެ ހަފްތާއެއްގެ ހާލަތަށް ރިއާޔަތްކޮށް މުރާޖައާ ކުރެވިގެންދާނެ ފިޔަވަޅުތަކެއް ކަމަށާއި އަދި ބަލި ޖެހޭ މީހުންނާއި ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ މީހުން މަދުވެ، ހާލަތު ރަނގަޅުވާ ވަރަކުން ފިޔަވަޅުތައް ލުއިކޮށް އުވާލެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 6660 އަށް އަރާފައެވެ. މިހާރު އެކްޓިވް ކޭސްގެ ގޮތުގައި 2521 މީހުން އެބަ ތިއްބެވެ.

ދަރުބާރުގޭ ކައިރީގައި މިއަދު އިހުތިޖާޖު ކުރަމުން ދަނީ ކެފޭ / ރެސްޓޯރަންޓް ހިންގާ ފަރާތްތައްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.