އަވަށްޓެރި އިންޑިއާއިން މިއަދު ރިޕޯޓްކުރި ރެކޯޑް އަދަދެއްގެ ކޭސްތަކާއެކު، އެގައުމުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވި މީހުންގެ އަދަދު، 3 މިލިއަންގެ ފާހަގަ ހުރަސްކޮށްފިއެވެ.

ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3001379 އަށް އަރާފައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު އިންޑިއާއަކީ އަދިވެސް 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކުރަމުންދާ ގައުމެވެ. އިންޑިއާގެ ކުރިއަށް މި ލިސްޓުގައި ދެން އޮތީ، މިހާތަނަށް 3536488 ކޭސް ރެކޯޑް ކޮށްފައިވާ ބްރެޒިލްއާއި، 5800392 ކޭސް ރެކޯޑް ކޮށްފައިވާ އެމެރިކާއެވެ.

މި ހިނގާ އޯގަސްޓް މަހަށް ބަލާއިރު، މި މަހުގެ މިހާތަނަށް، މުޅި ދުނިޔެއިންވެސް އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކޮށްފައިވަނީ އިންޑިއާއިންކަން ފާހަގަކުރަންޖެހެއެވެ. އިންޑިއާގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 701758 ކޭހެއް ވަނީ ފާހަގަކޮށްފައެވެ. އަދި ޝިފާ ލިބި ރަނގަޅުވި މީހުންގެ އަދަދު 2243427 އަށް އަރާފައިވާކަމަށް ޚަބަރު ލިބެއެވެ.

އިންޑިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 59194 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.