އެކުވެނި އައުޓްޑޯ ޓްރެކުގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ނިމޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ އެކުވެނި އައުޓްޑޯ ޓްރެކް ސިންތެޓިކަށް ބަދަލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މި މަސައްކަތް ނޮވެމްނަރު 11 އަށް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ، އެ ޓްރެކް ސިންތެޓިކަށް ބަދަލު ކުރުމުން ކްރިކެޓް، އެތްލެޓިކްސް އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މި ޓްރެކް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

އެކުވެނި އައުޓްޑޯ ޓްރެކްގެ ސަބް ބޭސް ނިމުމުން އެ ތަނުގެ ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނީ ޖުލައި 26 ވަނަ ދުވަހުއެވެ.

އެކުވެނި އައުޓްޑޯ ޓްރެކަކީ ގިނަ ބަޔަކު ކަސްރަތު ކުރުމަށް ކޮންމެ ދުވަހަކުވެސް އެކި ވަގުތުތަކުގައި ދާ ތަނެކެވެ. ސްކޫލްތަކުގެ އެތުލެޓިކްސް ޓޯނަމަންޓުތަކާއި އަމިއްލަ މީހުން ހިންގާ ބޫޓްކޭމްޕްތައް ވެސް މި ޓްރެކުގައި ހިންގައެވެ. އެހެންކަމުން މިތަން ސިންތެޓިކަށް ބަދަލުކުރުމުން އެތަން ބޭނުން ކުރާ ފަރާތްތަކަށް އިތުރަށް ފަސޭހަ ވެގެން ދާނެއެވެ.

މާލެ ސިޓީގައި ދުވުމަށް ސިންތެޓިކް ޓްރެކެއް މިހާރު އޮންނަނީ މާފަންނު ރަސްފަންނުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށެވެ. އަދި ހުޅުމާލޭގައި ތަރައްގީ ކުރި ދުވާ ޓްރެކްގައި ވެސް ސިންތެޓިކް ޓްރެކެއް އޮވެއެވެ.