ހިނގަމުން މިދާ އޯގަސްޓް މަހުގެ ތެރޭގައި އެކަނިވެސް އަވަށްޓެރި އިންޑިއާއިން 12 ލައްކައަށްވުރެ ގިނަ މީހުންނަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިފައިވާ ކަމަށް ރެކޯޑް ތަކުން ދައްކައިފިއެވެ.

މި މަހަކީ އިންޑިއާއިން ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފެށީއްސުރެ އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓްކުރި މަހަށް ވާއިރު، މިމަހު މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކޮށްފައި ވަނީ އިންޑިއާއިން ކަން ފާހަގަކުރަންޖެހެއެވެ.

އިންޑިއާގެ މަސްރަހުން އެންމެ ފަހުން ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް 68507 އާ ކޭސް ވަނީ ރެކޯޑް ކޮށްފައެވެ. މިއާއެކު އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 2904329 އަށް އަރާފައެވެ. އިއްޔެ އެ ގައުމުން 981 މީހެއްގެ ފުރާނަ، މި ބަލީގައި ގެއްލުނު ކަމަށް ރެކޯޑް ކޮށްފައި ވާއިރު، ކޮވިޑް-19 ޖެހިގެން އިންޑިއާއިން މަރުވި މީހުންގެ ޖުމުލަ އަދަދު 54975 އަށް ވަނީ އަރާފައެވެ.

ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިއަކު، ކުޑަ ކުއްޖެއްގެ ހުން ބަލަނީ/ފޮޓޯ: ޕީޓީއައި

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާގެ ކޮންމެ 476 މީހަކުން 1 އަށް ކޮވިޑް-19 ޖެހިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ރެކޯޑްތައް ދައްކާ ގޮތުން އިންޑިއާއިން މިހާތަނަށް 32661252 ސާމްޕަލެއް ކޮވިޑް-19އަށް ޓެސްޓު ކޮށްފައިވެއެވެ. އެއީ އާބާދީގެ ކޮންމެ 42 މީހަކަށް 1 ޓެސްޓެވެ.

އިންޑިއާގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑް ކޮށްފައިވަނީ 691413 ކޭހެވެ. މީގެ ތެރެއިން 8944 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ރެކޯޑްތަކުން ދައްކައެވެ. އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 3 މިލިއަނާ ގާތް ކުރަމުންދާއިރު، މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 2157941 މީހަކަށް ޝިފާ ލިބި، ރަނގަޅުވެގެން ހޮސްޕިޓަލުތަކުން ދޫކޮށްލާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގައި ކޮވިޑް-19އަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ މަރުކަޒެއް ކައިރިން ދުއްވާފައިދާ ހާއްސަ އެހީއަށް ބޭނުންވާ މީހެއް/ފޮޓޯ: އޭއެފްޕީ

މި އޯގަސްޓް މަހު އެންމެ ކޭސް ރިޕޯޓް ކުރި ގައުމުގެ ރެކޯޑް އިންޑިއާގައި އޮތް އިރު، ދެން އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކޮށްފައިވަނީ މިހާތަނަށް ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ރިޕޯޓް ކޮށްފައިވާ އެމެރިކާއިންނެވެ. އެމެރިކާއާއި ބްރެޒިލްއިންނެވެ.