އެމީހަކީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ އަސަރު ކޮށްފައިވާ މީހެއްކަން ކަށަވަރު ކުރުމަށް ހަދާ އެންޓިބޮޑީ ޓެސްޓުތައް އެކަށީގެންވާ ގޮތެއްގައި ވިލަރެސް ނުކުރެވުމަކީ، އެކަމަކުގެ ސަބަބުން އާންމު މުޖުތަމައު ނުރައްކަލުގެ ތެރެއަށް ވައްޓާލާ ވަރުގެ ކަމެއް ކަމަށް ޑޮކްޓަރުން އިންޒާރު ކުރައްވައިފިއެވެ.

ކޮވިޑް-19ގެ އަސަރު ހުރިތޯ ބެލުމަށް ހަދާ އެންޓިބޮޑީ ޓެސްޓުތަކާ ދެކޮޅަށް، އިނގިރޭސިވިލާތުގެ ސިއްހަތާ ބެހޭ ވަޒީރަށް އިންޒާރު ކުރައްވާފައި ވަނީ އިނގިރޭސިވިލާތުގެ ދަ ރޯޔަލް ކޮލެޖް އޮފް ޕެތޯލޮޖިސްޓުންނެވެ. މި ޓީމުގައި ހިމެނޭ ޑޮކްޓަރުން ވަނީ، ކޮވިޑް-19ގެ އެންޓިބޮޑީ ޓެސްޓު ކިޓްތައް އާންމު އުސޫލުން ވިއްކުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.

ޑޮކްޓަރުންގެ އިންޒާރުގެ ސިޓީގައި ބުނެފައިވަނީ ކޮވިޑް-19އަށް ހަދާ އެންޓިބޮޑީ ޓެސްޓުތައް ރަނގަޅަށް ރެގިއުލޭޓް ނުކުރެވުމަކީ އާންމު މުޖުތަމައަށް ނުބައި މެސެޖެއް ދެވި، ވަކިވަކި ފަރުދުން ނުރައްކަލަށް ހުށަހަޅާނެ ކަމެއް ކަމަށެވެ.

ކޮވިޑް-19 ޖެހިފައިވޭތޯ ބެލުމަށް ހަދާ އެންޓިބޮޑީ ޓެސްޓުކިޓް ގޭގައި ބޭނުން ކުރުމަށް އިނގިރޭސިވިލާތުގައި ރަސްމީ ހުއްދައެއް ދީފައި ނުވި ނަމަވެސް، އެފަދަ ގިނަ ބާވަތްތަކެއް ކިޓްތައް ލިބެން ހުރެއެވެ.

ކޮވިޑް-19ގެ އެންޓިބޮޑީޒް ހަށިގަނޑުގައި ހުރުމަކީ ދެވަނަ ފަހަރަށް އެ ބަލި ނުޖެހި، ދިފާއު ކޮށްދޭނެ ކަމެއް ކަން، ނުވަތަ ނޫންކަންވެސް އަދި ކަށަވަރެއް ނުވެއެވެ.

އެންޓޮބޮޑީ ޓެސްޓު ކިޓްތަކަކީ ވަކި ޝަރުތުތަކެއް ފުރިހަމަ ވާންޖެހޭނެ ކިޓްތަކެއް ކަމަށާ، އަދި ނަތީޖާއަކީ ކަށަވަރު ނަތީޖާއަކަށްވެސް ވާންޖެހޭ ކަމަށާ، ނަމަވެސް އިންޓަނެޓް މެދުވެރިކޮށް ގަންނަ މިފަދަ ކިޓްތަކުގެ ފުރިހަމަ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށް ރޯޔަލް ކޮލެޖް އޮފް ޕެތޯލޮޖިސްޓުން، އިނގިރޭސި ހެލްތް ސެކްރެޓަރީ މެޓް ހެންކޮކަށް ފޮނުއްވި އިންޒާރުގެ ސިޓީގައި ވަނީ ބަޔާން ކުރައްވާފައެވެ.