ރާއްޖޭގައި ޑިޖިޓަލް ގަވަމަންޓެއް ހާސިލުކޮށް، އެހެން ގައުމުތަކާ އެއްހަމަވުމަށް މިހާރަށް ވުރެ އިތުރު އިންވެސްޓްމަންޓް ބޭނުންވާ ކަމަށް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަލީހު މިހެން ވިދާޅުވީ، ޔޫއެން އެސްކެޕްގެ ފަރާތުން ބޭއްވި "ޔޫއެން އީ-ގަވަމަންޓް ސާވޭ އޭޝިއާ ޕެސިފިކް ރީޖަނަލް ވެބިނާ 2020ގައި" ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަލީހު ވަނީ ރާއްޖޭގެ އީ-ގަވަމަންޓް އުފެދިގެން އައިސް މިއަދާ ޖެހެންދެން ކުރެވިފައި ހުރި މަސައްކަތްތައް ހިއްސާ ކުރައްވާފައެވެ. އަދި ޑިޖިޓަލް ގަވަމަންޓެއް ހާސިލުކުރުމާ ގުޅޭ މުހިންމު ކަންތައްތަކަށް ވެސް މަލީހު އަލި އަޅުއްވާލެއްވިއެވެ.
މިނިސްޓަރު މަލީހު ވިދާޅުވީ ޔޫއެން އިން ރާއްޖެއަށް ހަދާފައިވާ އީ-ގަވަމަންޓް ޑިވޮލޮޕްމަންޓް އިންޑެކްސް ސާވޭއަށް ބަލާއިރު ކުރީ އަހަރުތަކުގައި މި އިންޑެކްސް ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު އެވްރެޖް ކަމަށެވެ. ނަމަވެސް ފަހުގެ އަހަރުތަކަށް ބަލާއިރު ރާއްޖޭގެ އިންޑެކްސް ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު އަދި އޭޝިއާ ސަރަހައްދަށް ބަލާއިރުވެސް ދަށް ކަމަށް ފާހަގަކުރެއްވިފައިވާ އޭނާ ހިއްސާކުރެއްވިއެވެ. އަދި އެހެން ގައުމުތަކާއި އެއްހަމަވުމަށް މިހާރަށްވުރެން އިތުރު އިންވެސްޓްމަންޓް ބޭނުންވާ ކަމަށް މަލީހު ވިދާޅުވިއެވެ.
މި ދާއިރާއަށް މިއަހަރު ބަޖެޓުގެ ގޮތުގައިމުޅިއެކު 77.8 މިލިއަން ރުފިޔާ ލިބިފަވއއެވެ. އެއީ މިނިސްޓްރީއަށް 21.5 މިލިއަން ރުފިޔާއާއި، އެންސީއައިޓީއަށް 50 މިލިއަން ރުފިޔާގެ އިތުރުން ކޮމިއުނިކޭޝަން އޮތޯރިޓީއަށް 6.3 މިލިއަން ރުފިޔާއެވެ. ނަމަވެސް، ކޮވިޑް-19ގެ ސަބަބުން ބަޖެޓުން ވަނީ 14 މިލިއަން ރުފިޔާ އުނިކޮށްފައެވެ.
ރާއްޖޭގެ އީ-ގަވަމަންޓް އުފެދިގެން އައިސް މިއަދާ ޖެހެންދެން ކުރެވިފައި ހުރި މަސައްކަތްތައް ހިއްސާކުރައްވަމުން މަލީހު ވިދާޅުވީ ޑިޖިޓަލް ރާއްޖޭގެ ބިންގާ އެޅިގެންދިޔައީ 2000ވަނަ އަހަރު އުފެދުނު ސައިންސް އެންޑް ޓެކްނޯލޮޖީ މާސްޓާ ޕްލޭނާ އެކު ކަމަށެވެ. އަދި ފުރަތަމަ އިންފޮމޭޝަން ޓެކްނޯލޮޖީ ޑިވޮލޮޕްމަންޓް ޕްރޮޖެކެޓް ވެސް ފެށިގެން ދިޔައީ މި ދުވަސްވަރު ކަމަށާއި އެއީ 12 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށް މިނިސްޓަރު މަލީހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓަށް އޭޝިއާ ޑިވޮލޮޕްމަންޓް ބޭންކް އިން 9.5 މިލިއަން ޑޮލަރުގެ ފައިސާގެ އެހީ ލިބުނު ކަމަށެވެ.
ސަރުކާރުގެ އޭޖެންސީތައް ގަވަމަންޓް ޕްރައިވަޓް ނެޓްވޯކެއްގެ އެހީގައި ގުޅާލުމުގެ މަސައްކަތް ފެށިގެންދިޔައީ، އެ ފައިސާގެ އެހީއާއެކު ކަމަށް މަލީހު ވިދާޅުވިއެވެ. އޭނާ ވަނީ މި ދާއިރާއިން ހާސިލްކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ސަރުކާރުގެ އެކި އިދާރާތައް ޑިޖިޓަލައިޒްކޮށް، އޮންލައިންކޮށް ހިދުމަތް ލިބޭނެ ގޮތް ހެދުން ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ސަރުކާރު ޑިޖިޓަލައިޒް ކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ގަވް ޑޮޓް އެމްވީ، ގަވް ޑޮޓް އެމްވީ ފޯމްސް އަދި ޖެމްސް 2.0ގެ މަސައްކަތްތައްކަށް ހާއްސަ ސަމާލުކަމެއް ދެވިގެން ކުރިއަށްގެންދާ ކަމަށް މިނިސްޓަރު މަލީހު ވިދާޅުވިއެވެ.