ވިލާތުގެ ގައުމުތަކުން ރެކޯޑް އަދަދަކަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ޕޮޒިޓިވް ކޭސްތައް ރިޕޯޓް ކުރަން ފަށައިފިއެވެ.

ބައެއް ގައުމުތަކުން ކޭސް ރިޕޯޓް ކުރަމުންދަނީ ފާއިތުވީ މަސްތަކުގައިވެސް ރިޕޯޓް ނުކުރާހާ ގިނަ އަދަދަކަށް ކަމަ ޚަބަރު ލިބެއެވެ.

ބުދަ ދުވަހު ސްޕެއިންއިން 3715 ކޭސް ރެކޯޑް ކޮށްފައިވާއިރު، މިއީ އެ ގައުމުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިއުލާން ކުރި ލޮކްޑައުންގެ އަމުރުތަކަށް ޖޫން މަހުގެ ފަހުކޮޅު ލުއި ދިން ފަހުން އެންމެ ގިނަ އަދަދަކަށް ރެކޯޑް ކުރި ފަހަރު ކަންވެސް ފާހަގަކުރަންޖެހެއެވެ.

އިޓަލީވިލާތުން ބުދަ ދުވަހު 642 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ރެކޯޑް ކޮށްފައިވާއިރު، މިއީ މެއި މަހުގެ ފަހުކޮޅުން ފެށިގެން އެގައުމުން ރެކޯޑް ކުރި އެންމެ މަތީ އަދަދުކަމަށް ޚަބަރު ލިބެއެވެ.

ޖަރުމަނު ވިލާތުން މިއަރު އާންމު ކުރި މައުލޫމާތަށް ބަލާއިރު 1707 ކޭހެއް ފެނިފައިވާކަމަށް ޚަބަރު ލިބެއެވެ. މިއީ އެޕްރިލް މަހުން ފެށިގެން އެއް ދުވަހާ އެ ގައުމުން ރެކޯޑްކުރި އެންމެ މަތީ އަދަދެވެ.

ކޮވިޑް-19ގެ ކޭސްތައް ވިލާތު ބައްރުގައި އިތުރުވަމުންދާ މި ދަނޑިވަޅުގައި، ބައެއް ގައުމުތަކުން އަނެއްކާވެސް ވަނީ ދަތުރުފަތުރު ކުރުމުގެ އުސޫލްތައް ހަރުކަށި ކުރަން ފަށާފައެވެ. މީގެ އިތުރުން، ޖިސްމާނީ ގައިދުރުކަން އިސްކުރުމާއި މާސްކު އެޅުން ފަދަ ކަންކަންވެސް މަޖުބޫރު ކުރަމުން އަންނަކަން ފާހަގަކުރަންޖެހެއެވެ.

ވިލާތުން ރެކޯޑް އަދަދަކަށް ކޭސް ރެކޯޑް ކޮށްފައިވާއިރު، އަވަށްޓެރި އިންޑިއާއިންވެސް ރެކޯޑް އަދަދަކަށް ކޭސް ރިޕޯޓްކުރަމުންދާކަން ފާހަގަކުރަންޖެހެއެވެ. ބުދަ ދުވަހު އިންޑިއާއިން 69672 ކޭހެއް ރެކޯޑް ކޮށްފައިވާއިރު މިއީ އެގައުމުންވެސް މިހާތަނަށް ރެކޯޑް ކުރި އެންމެ މަތީ އަދަދެވެ.

އިންޑިއާއިން މިއަދު އާންމު ކުރި ރަސްމީ ރެކޯޑްތަކަށް ބަލާއިރު އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް 2.84 މިލިއަނަށް އަރާފައެވެ.

އިންޑިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 997 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 53886 އަށް އަރާފައެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު އިންޑިއާ ހިމެނެނީ ކޮވިޑް-19ގެ މަސްރަހު އެންމެ ނުރައްކާވެފައިވާ 3 ގައުމުގެ ތެރޭގައި ކަން ފާހަގަ ކުރަން ޖެހެއެވެ.