ޅ. ހިންނަވަރުން ކުޑަކުއްޖަކާއި އުމުރުން ދުވަސްވީ މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

'ދަ ޕްރެސް' އަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

ޕޮޒިޓިވް ވެފައިވަނީ އުމުރުން 10 އަހަރުގެ ކުޑަކުއްޖަކާއި 78 އަހަރުގެ މީހެއް ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

މިއީ ހިންނަވަރުން ޕޮޒިޓިވް ކޭސްތައް ފެނުން ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި ކޮވިޑް ހަލުވި ކަމާއެކު ފެތުރެމުންދާއިރު އިއްޔެވެސް 146 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 117 ދިވެހިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 21 މީހަކާއި އިންޑިއާގެ 2 މީހަކާއި ސްރީލަންކާގެ 5 މީހުން އަދި ޕިލިޕީންސްގެ މީހެކެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 6225 އަށް އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު 3788 އަށް ވަނީ އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 24 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި 5 ބިދޭސީންނެވެ.

މި ބައްޔަށް ފަރުވަ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 22 ރަށެއްގައެވެ. އަދި 12 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 7 ފަތުރުވެރިންނާއި 13 ރިސޯޓް މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.