ތ. ތިމަރަފުށިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

'ދަ ޕްރެސް' އަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

އެރަށުން ޕޮޒިޓިވް ވެފައިވަނީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެއް ކަމަށް އެޗްއީއޯސީން ބުނެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ތިމަރަފުށީ ކައުންސިލްގެ ނައިބް ރައީސް އަހުމަދު އިބްރާހީމް ވިދާޅުވީ އެމީހާ އަކީ ހޯމް ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ.

މިއީ ތިމަރަފުށިން ޕޮޒިޓިވް ކޭސް އެއް ފެނުނު ފުރަތަމަ ފަހަރެވެ. މިއަދު ވަނި ޅ. ހިންނަވަރުން ވެސް ޕޮޒިޓިވް 2 ކޭސް ފެނިފައެވެ. އެއީ ކުޑަކުއްޖަކާއި އުމުރުން ދުވަސްވީ މީހެކެވެ.

ރާއްޖޭގައި ކޮވިޑް ހަލުވި ކަމާއެކު ފެތުރެމުންދާއިރު އިއްޔެވެސް 146 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 117 ދިވެހިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 21 މީހަކާއި އިންޑިއާގެ 2 މީހަކާއި ސްރީލަންކާގެ 5 މީހުން އަދި ޕިލިޕީންސްގެ މީހެކެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 6225 އަށް އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު 3788 އަށް ވަނީ އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 24 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި 5 ބިދޭސީންނެވެ.