އަންނަ ހަފްތާ ތެރޭ އިތުރު 10،000 ޓެސްޓު ކިޓު ލިބޭނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މިވަގުތު 15،000 ޕީސީއާރް ޓެސްޓިން ކިޓު އެބަހުރި ކަމަށާއި އޭގެ އިތުރަށް ޓެސްޓިން ކިޓު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މިހާރު ހުރި ކިޓް ތަކުން ދެ ހަފްތާ ބޭނުން ކުރެވޭނެ ކަމަށާއި އަންނަ ހަފްތާ ތެރޭ އިތުރު 10،000 ޓެސްޓު ކިޓު ލިބޭނެ ކަމަށް ވެސް ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ކޮވިޑް ހަލުވި ކަމާއެކު ފެތުރެމުންދާއިރު މިއަދުވެސް 146 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 117 ދިވެހިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 21 މީހަކާއި އިންޑިއާގެ 2 މީހަކާއި ސްރީލަންކާގެ 5 މީހުން އަދި ޕިލިޕީންސްގެ މީހެކެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 6225 އަށް އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު 3788 އަށް ވަނީ އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 24 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި 5 ބިދޭސީންނެވެ.