ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ މުއްދަތު ރައީސް އޮފީހުން އިތުރުކޮށްފިއެވެ.
އެންއައިސީގެ ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު 3 ވަނަ ދުވަހުގެ 12:30ގެ ނިޔަލަށެވެ. އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމަސް ހުޅުވަލީ މިމަހު 12 ވަނަ ދުވަހެވެ.
އެންއައިސީގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ސެޕްޓެމްބަރު 1، 2 އަދި 3 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސް އޮފީހުންނެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނައިރު، އެ އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
އެންއައިސީގެ މެންބަރު ކަމުގެ މަގާމު ހުސްވެފައިވަނީ، އެ ކޮމިޝަނުގެ ނައިބު ރައީސް ހައްސާން ހަމީދާއި ކޮމިޝަނު މެންބަރުން އަހްމަދު އަމީން އަދި ހަދީޖާ އަބްދުﷲ އިސްތިއުފާ ދެއްވާފައިވާތީއެވެ. އަދި އެ ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާން މަގަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވާފައެވެ.
އެންއައިސީގެ މެންބަރުން ވަކިކުރަން ރައީސަށް އަންގާ ގޮތަށް ކޮމިޓީން ނިންމާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި ގާނޫނެކެވެ. އެއީ 2015 ވަނަ އަހަރުގައެވެ. އެ ކޮމިޝަންގެ ގާނޫނުގައި ބުނާ ގޮތުން އެ ކޮމިޝަންގެ މެންބަރުން ވަކި ކުރުމުގެ އިހްތިޔާރު އޮންނަނީ ރާއިސަށެވެ.
އެންއައިސީއަކީ ކަސްޓްމްސް އާއި ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ތަހުގީގު ކުރުމަށާއި އެފަދަ ކަމަކަށް ތުހުމަތުކުރެވި މައްސަލައެއް ހުށަހަޅައިފިނަމަ އެ ކަން ތަހުގީގު ކުރަން އުފައްދާފައިވާ ކޮމިޝަނެކެވެ.