ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން (ޕީޕީއެމް އަދި ޕީއެންސީ)އާ އެކުގައި މަސައްކަތް ކުރަން ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ޖާބިރު އާއި ޑީއާރުޕީގެ އިސްފަރާތްތަކުން މިއަދު މެންދުރު ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ދެފަރާތް ގުޅިގެން ސިޔާސީ މަސައްކަތްތައް ކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމާއި ޕީޕީއެމް އާއި ޕީއެންސީގެ އިސް ފަރާތްތަކާއި އެ ދެ ޕާޓީއަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ސިޔާސީ ކަންކަމާ ގުޅިގެން މަޝްވާރަ ކުރެވުނު ކަމަށް އެ ކޯލިޝަނުން ބުނެފައިވާ ނަމަވެސް މަޝްވަރާ ކުރެވުނީ ކޮން ކަމަކާ ގުޅޭގޮތުން ކަމެއް އިތުރު ތަފްސީލު ހާމަ ކޮށްފައެއް ނުވެއެވެ.

މިފަދަ ނިންމިމެއް ޖާބިރު ނިންމަވާފައި ވާއިރު، މިދިޔަ ހޯމަ ދުވަހު މާރުކޭޓް ސަރަހައްދަށް ވަޑައިގެން ރައްޔިތުންނާ މުހާތަބު ކުރައްވާ ޖާބިރު ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޖަލައްލާފައިވާ ކުރީގެ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައްވާފައެވެ. އަދި ދެން އަންނަ ރިޔާސީ އިންތިހާބަކަށް ޖާބިރު ހޮވުމަށްވެސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ޖާބިރު ރައީސް ކަމަށް ހޮވައިފި ނަމަ އެއްވެސް މީހަކަށް އިހުމާލުވެ ވަޑައިނުގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.