ކ. މާފުށި ކައިރިން ސަޕްލައި ދޯންޏަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މަސްވެރިކަމަށް ނިކުމެ އުޅުނު ލޯންޗެއް ކަމަށްވާ "އަލީ ޝާހު" އާއި ސަޕްލައި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު ހެނދުނު 06:50 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ ލޯންޗުގައި ހުރި މީހަކަށް ކަމަށާއި އޭނާގެ ބޮލަށާއި ކޮނޑުހުޅަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެމީހާއަށް އިތުރަށް ފަރުވާ ދިނުމަށްޓަކައި މިހާރު މާލެ ގެނެސްފައިވާ ކަމަށާއި އޭނާ ގެނެސްފައި ވަނީ މާފުށީ ލޯންޗެއްގައި ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ސަޕްލައި ދޯންޏަކާއި ލޯންޗު ޖެހި ހިނގި ހާދިސާގައި ލޯންޗު ބަންޑުން ޖަހާލާފައި / ފޮޓޯ: އެމްއެންޑީއެފް

އެކްސިޑެންޓު ހިނގި ސަރަހައްދުގައި މިހާރު އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓުގާޑުން ދަނީ ހަރަކާތްތެރިވަމުން ދާއިރު، އެ ހާދިސާގައި ލޯންޗާއި ދޯނި ޖެހި ލޯންޗު ބަންޑުން ޖަހާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ހާދިސާ ހިނގި އިރު ދޯނީގައި ހަތް މީހުން ތިބިއިރު ލޯންޗުގައި ތިބީ ފަސް މީހުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.