މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ރޭ ދަންވަރު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ، އއ، އދ، ވ) ގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 59 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ދަންވަރުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގިތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް މިއަދު ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގުކުރާ މައްސަލަތަކެވެ. އެހެންކަމުން، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ ނުވަތަ މައްސަލަ ހުށަހެޅޭ ރަށާއި އަތޮޅު ފުލުހުން ހާމައެއް ނުކުރެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި، ހައްޔަރުކުރާ މީހުން ހައްޔަރުކުރުމާއި، އެމީހުންގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ކުރުމުގެ ކަންކަން މިހާރު ބާރު ސްޕީޑުގައި ކުރިއަށް ދެއެވެ. މީގެ އިތުރުން، އެފަދަ މީހުންގެ ވަނަވަރު ވެސް ދަނީ އާންމު ކުރަމުންނެވެ.