މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ، އުމުރުން 20، 30 އަދި 40 ގެ އަހަރުތައް ގުނަމުންދާ ޒުވާނުންގެ ތެރޭގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޒާރު ކޮށްފިއެވެ.
ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑައިރެކްޓާ ފޮ ވެސްޓާން ޕެސިފިކް، ޓަކޭޝީ ކަސާއީ ވިދާޅުވީ، ޒުވާނުންގެ ފަރާތުން ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވަނީ މި އުމުރުގެ ގިނަ މީހުންނަކީ ހަށިގަނޑުގެ ބޭރު ފުށުން ބަލީގެ އަލާމާތްތައް ނުފެންނަ (އެސިމްޓޮމެޓިކް) ޕޭޝަންޓުންނަށް ވުމުން ނުވަތަ ބަލީގެ އަސަރު ވަރަށް ކުޑަ ކޮށް ފެނުމުގެ ސަބަބުން، ނޭނގުމެއްގެ ތެރޭގައި ތިބެ، އެހެން މީހުންނަށް ވައިރަސް ފޯރުކޮށްދީގެންކަމަށެވެ.
މިއާއެކު ބަލީގެ ނުރައްކާ އެންމެ ބޮޑުވެގެންދާނެ ކަމަށް ބަލާ ދޮށީ އުމުރުގެ ގިންތިއާއި، ދިގު މުއްދަތުގެ ބަލިތަކުގައި އުޅޭ މީހުން ނުރައްކަލަށް ހުށަހެޅޭ މިންވަރު އިތުރުވުމުގެ ނުރައްކާ، ބައިބޯ ސަރަހައްދުތަކާ އިންތިހާއަށް ފަގީރު ހިސާބުތަކުގައި އެބައޮތް ކަމަށްވެސް ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑައިރެކްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ފެބުރުވަރީ 24 އިން ޖުލައި 12 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށްފައިވާ ތަފާސް ހިސާބުތަކާ ހަވާލާދީ ޑަބްލިއުއެޗްއޯއިން ކުރިއަށް ގެންދިޔަ މުރާޖައާ ބުނާ ގޮތުގައި، ކުޑަކުދިންނާ ޒުވާނުންނަށް ކޮވިޑް-19 ޖެހޭ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން 4 އަހަރުން ދަށުގެ ކުދިންނަށް ބަލިޖެހުނު މިންވަރު 0.3 ޕަސެންޓުން 2.2 ޕަސެންޓަށް އިތުރުވިއިރު، އުމުރުން 5 އަހަރުގެ ކުދިންނަށް ބަލި ޖެހުނު މިންވަރު، 0.8 ޕަސެންޓުން 4.6 ޕަސެންޓަށް އިތުރުވި ކަމަށް ރެކޯޑްތަކުން ދައްކައެވެ. އަދި އުމުރުން 15-24 އަހަރާ ދެމެދު އުމުރު ފުރާއަށް ބަލާއިރު، 4.5 ޕަސެންޓުން 15 ޕަސެންޓަށް މިއަދަދު އިތުރުވި ކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ.
ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި މިކަން މި ގޮތަށް މެދުވެރިވަނީ ކީއްވެކަން ބަޔާންކޮށްދިނުމަށް ދެއްކެން އޮތީ ނިސްބަތުން މަދު ހުއްޖަތްތަކެއް ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އިއުލާން ކުރި ލޮކްޑައުންގެ އަމުރަށް ލުއި ދިނުމާއެކު ނުރައްކާ އުސޫލަކަށް ޒުވާނުންގެ ދިރިއުޅުމުގެ އާދަތައް ބަދަލުކޮށްލުމާ، ބަލިން ދިފާއުވުމަށް އަޅާ ޖިސްމާނީ ގައިދުރުކަން ފަދަ ފިޔަވަޅުތަކަށް ލުއި ދިނުމާ، ޓެސްޓު ކުރާ މިންވަރު އިތުރުވުމަކީވެސް މިކަމުގެ ފަހަތުގައިވާ ސަބަބުތަކެއް ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.