އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެންޓިލޭޓަރުތަކުގެ މައްސަލާގައި އަމަލުކޮށްފައިވާގޮތް ދިރާސާ ކުރުމަށް އެ ކޮމިޝަނުގެ އިސްވެރިން މަޖިލީހުގެ މިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަން ހުށަހަޅުއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އޭސީސީން ވަނީ މޭ 21ގައި، އޮޑިޓާ ޖެނެރަލް މިދިޔަ އާދިއްތަ ދުވަހު ނެރުނު ރިޕޯޓާ ގުޅޭ ދިރާސާ ރިޕޯޓެއް ނެރެފައިވާ ކަމަށެވެ. ނަމަވެސް އެ ރިޕޯޓުގައި އޮޑިޓް ރިޕޯޓުގައި ހުރި ރޫހެއް، ޖަޒުބާތެއް އަދި ނަޒަރިއްޔާތެއް ވެސް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ އޭސީސީގެ ރައީސް މޭ 3 ގައި މަޖިލީހުގެ ކޮމިޓީއަށް ވަޑައިގެން ދެއްކެވި ވާހަކައިގެ ޔައުމިއްޔާއަށް އެދިވަޑައިގެންފައެވެ. އަދި އެ ޔައުމިއްޔާއިން ސާފުވަނީ، އޭސީސީން މި މައްސަލާގައި ބަލަންވާ މިންވަރަށް ބަލާފައި ނުވާ ކަން ނުވަތަ ބަލާ ނަޒަރިއްޔާތު ވަރަށް ތަފާތު ކަން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިއީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިތުރަށް ބަލަން ޖެހޭ ކަމެއް ކަމަށެވެ. އެފަދައިން ވިދާޅުވެ، އެމަނިކުފާނު ވަނީ އޭސީސީގެ ރިޕޯޓާ، އޭސީސީގެ ރައީސް މަޖިލީހުގައި ދެއްކެވި ވާހަކައިގެ ޔައުމިއްޔާ އަދި އޭސީސީން ރޭ ނެރުނު ނޫސްބަޔާނާއެކު އިތުރަށް ބެލުމަށް މައްސަލަ ކޮމިޓީއަށް ފޮނުވާފައެވެ.
މަޖިލީހުން މިހެން ނިންމާފައި ވާއިރު، ރޭ އޭސީސީން ނެރުނު ބަޔާނުގައި ވަނީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކޮރަޕްޝަން ނެތް ކަމަށް ނިންމާފައި ނުވާ ކަމަށާއި، އެ މައްސަލައިގެ ތަހުގީގު އަދި ނުނިމޭ ކަމަށް ބުނެފައެވެ. އޭސީސީން ބުނީ، އެ ކޮމިޝަނުން މޭ 21ގައި އާންމުކުރީ، އެ ކޮމިޝަނަށް އެހަތާނަށް ލިބިފައިވާ ލިޔެކިޔުންތަކާއި އަދި ތަހުގީގަށް އަސަރުކޮށްފާނެ ފަދަ މައުލޫމާތު ނުހިމަނައި، މައްސަލާގައި ފާހަގަކުރެވުނު މައިގަނޑު ކަންކަން ހިމެނޭގޮތަށް ހުލާސާ ރިޕޯޓެއް ކަމަށެވެ.
އެ ކޮމިޝަނުން ތައްޔަރުކުރި ހުލާސާ ރިޕޯޓަކީ، މައްސަލައިގެ ތަހުގީގު ރިޕޯޓެއް ނޫންކަން ބަޔާންކޮށް، ކޮމިޝަނުން ރިޕޯޓު އާންމުކުރި އިރު ވެސް މައްސަލަ އިތުރަށް ތަހުގީގު ކުރިއަށް ދާކަން ފާހަގަ ކޮށްފައި ވާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި، މައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް އެކުލެވިގެން ނުވާކަމަށް ވެސް ކޮމިޝަނުން ނިންމާފައި ނުވާނެ ކަމަށް އޭސީސީން ބުނެއެވެ.
މީގެ އިތުރުން އޭސީސީން ބުނީ މި މައްސަލައިގެ ތަހުގީގުގެ މަސައްކަތް މިހާރު އޮތީ ފުރިހަމަ ކުރުމުގެ މަރުހަލާގައި ކަމަށެވެ. އަދި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް މި މައްސަލާގައި ތުހުމަތު ކުރެވޭ ކަންކަމާ ގުޅޭގޮތުން ޕްރޮސިކިއުޓާ ޖެނެރަލްއާއެކު މި ހަފްތާ ތެރޭގައި މަޝްވަރާ ކުރަން ފަށާނެ ކަމަށް އޭސީސީން ބުނެއެވެ.