ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ހެލްތް މިނިސްޓްރީން އަމަލުކުރި ގޮތާ ގުޅޭ އޮޑިޓްރިޕޯޓުގެ ތަހުގީގު ނިމެންދެން ގޭގައި މަޑުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވުމުން، ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރު ހަވާލުކުރުމާ އަބަދުވެސް ދެކޮޅު ހެއްދެވި ކަމަށް ވިދާޅުވެ، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރު ބަޔާނެއް ނެރުއްވައިފިއެވެ.

ޑރ. ޝާހް ނެރުއްވި ނޫސްބަޔާނުގައި ބުނީ، ބިޑް ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އަދި އެނޫންވެސް ގޮތަކަށް ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރުތައް ދިނުމަށް ނިންމާފައިވާ ނިންމުމުގައި އޭނާގެ ބައިވެރިވުން ނުހިމެނޭނެ ކަމަށެވެ. އަދި ދުބާއީ ކުންފުނިން ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރަން ނިންމި ބިޑް ކޮމިޓީ ބައްދަލުވުމުގެ ޔައުމިއްޔާއިންނާއި ލިޔެކިއުމުން އެކަން ސާފުވާނެ ކަމަށް ޑރ. ޝަހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރު ގެންނަށް ހަވާލުކުރިކަން އެނގިވަޑައިގެންނެވި ހިސާބުން ފެށިގެން އެކަމާ ސުވާލު އުފައްދާ، ކަމާ ގުޅުން ހުރި އިސްފަރާތްތަކަށް އެ ކަންބޮޑުވުން ފާޅުކުރައްވައިފައިވާ ކަމަށެވެ. އަދި އެ ކުންފުނިން 10 ވެންޓިލޭޓަރު ލިބުމުން، ހެލްތް މިނިސްޓްރީގެ ބަޔޯ މެޑިކަލް ޓީމުން އެ ވެންޓިލޭޓަރުތައް ކަމުނުދާ ކަމަށާއި، އެއީ އެއްބަސްވުމުގައިވާ ގޮތާ ހިލާފަށް ފޮނުވާފައިވާ ތަކެތި ކަމަށް ބުނެ އޭނާއަށް ވެންޓިލޭޓަރުތައް ދެއްކި ކަމަށް ޑރ. ޝާހު ވިދާޅުވިއެވެ.

އަދި އޭނާއަށް އެ ތަކެތި ދެއްކުމުން، އެ ތަކެތި ބަލައިގަނެވިގެން ނުވާނެ ކަމަށާއި، ޝަރުތު ހަމަނުވާ ކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް ވެސް ހިއްސާ ކުރެއްވި ކަމަށް ޑރ. ޝާހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހެލްތް މިނިސްޓްރީގެ އިތުރުން ސަރުކާރުގެ ކަމާ ބެހޭ އިސް ފަރާތްތަކާ ވެސް އެ މައުލޫމާތު ހިއްސާކުރައްވައި ފައިވާ ކަމަށެވެ.

މީގެ އިތުރުން ޑރ. ޝާހު ވިދާޅުވީ، ނާޑު ޕްރައިވެޓް ލިމިޓެޑާއި، މެޑްޓެކަށް ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ބިޑް ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވެ، އެކަމުގައި އޭނާގެ ލަފައާއި މަޝްވަރާ ވެސް ދެއްވި ކަމަށެވެ. އަދި މިއިން އެއްވެސް ނިިންމުމެއްގައި ނަހަމަ ނުފޫޒެއްް ނުވަތަ މަންފާއެއް އެއްވެސް ފަރާތަކަށް ލިބިދިނުމުގެ އެއްވެސް އަމަލެއް ހިންގަވައިފައި ނުވާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ފެންމަތިވެފައި ވާތީ ރައީސް ސޯލިހް ވަނީ ހެލްތް މިނިސްޓްރީގެ ގިނަ ބަޔަކު ގޭގައި މަޑުކުރަން އަންގަވާފައެވެ. އެގޮތުން ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީއާއި ފައިނޭންޝަލް އެގްޒެކެޓިވްގެ އިތުރުން އެގްރީމަންޓްގައި ސޮއި ކުރި ފަރާތްވެސް ގޭގައި މަޑުކުރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ އަމިއްލައަށް މަސައްކަތުން އެކަހެރިވުމަށް ނިންމަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވާފައެވެ.