ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގެ މައްސަލައާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާ މައްސަލާގައި، ކޮރަޕްޝަނުގެ އަމަލެއް ނެތްކަމަށް ނިންމާފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭސީސީން މިހެން ބުނެ ނޫސް ބަޔާން ނެރެފައި ވަނީ ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަން ނެތް ކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާ އަދި ބައެއް ނޫސްތަކުން ބުނަމުންދާތީއެވެ. އޭސީސީން ބުނީ، ވެންޓިލޭޓަރު ހޯދުމުގައި އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކީ، އެ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ.

އޭސީސީން ބުނީ، މި މައްސަލާގައި އެ ކޮމިޝަނަށް އެހަތާނަށް ލިބިފައިވާ ލިޔެކިޔުންތަކާއި އަދި ތަހުގީގަށް އަސަރުކޮށްފާނެ ފަދަ މައުލޫމާތު ނުހިމަނައި، މައްސަލާގައި ފާހަގަކުރެވުނު މައިގަނޑު ކަންކަން ހިމެނޭގޮތަށް ހުލާސާ ރިޕޯޓެއް އެކުލަވާލައި މޭ 21 ގައި އާންމުކޮސްފައިވާ ކަމަށެވެ. އަދި އޭރު އެމައްސަލާގައި ކޮމިޝަނުން ވަކިގޮތެއް ނިންމާފައިނުވާނެ ކަމަށް އޭސީސީން ބުނެއެވެ.

އެ ކޮމިޝަނުން ތައްޔަރުކުރި ހުލާސާ ރިޕޯޓަކީ، މައްސަލައިގެ ތަހުގީގު ރިޕޯޓެއް ނޫންކަން ބަޔާންކޮށް، ކޮމިޝަނުން ރިޕޯޓު އާންމުކުރި އިރު ވެސް މައްސަލަ އިތުރަށް ތަހުގީގު ކުރިއަށްދާކަން ފާހަގަކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި، މައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް އެކުލެވިގެން ނުވާކަމަށް ވެސް ކޮމިޝަނުން ނިންމާފައެއް ނުވާނެ ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ނެރުނު ނޫސްބަޔާނުގައި ބުނީ އެ ރިޕޯޓު އާންމުކުރުމުގެ މައިގަނޑު އެއް މަގުސަދަކީ، މި މައްސަލައަކީ ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަމަކަށްވާތީ ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ނުދާކަމަށް ދޭހަވާގޮތަށް ވާހަކަދެކެވި އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާތީ، އެމައްސަލައިގެ ތަހުގީގުގެ މަސައްކަތް އެހާތަނަށް ގޮސްފައިވާ ހިސާބު އަންގައިދީ، ރައްޔިތުންނަށް ޖަވާބުދާރީވުމުގެ ބޭނުމުގައި ރިޕޯޓް އާންމު ކުރީ ކަމަށް އޭސީސީން ބުނެއެވެ.

މި މައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް ހިނގާފައިނެތްކަމަށް އޭސީސީން ނިންމާފައިވާކަން ދޭހަވާގޮތަށް ދެކެވޭ ވާހަކަތަކީ ހަގީގަތަކާ ހިލާފު ވާހަކަތަކެއް ކަމަށް އޭސީސީން ބުނެއެވެ

މީގެ އިތުރުން އޭސީސީން ބުނީ މި މައްސަލައިގެ ތަހުގީގުގެ މަސައްކަތް މިހާރު އޮތީ ފުރިހަމަކުރުމުގެ މަރުހަލާގައި ކަމަށެވެ. އަދި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް މި މައްސަލާގައި ތުހުމަތު ކުރެވޭ ކަންކަމާ ގުޅޭގޮތުން ޕްރޮސިކިއުޓާ ޖެނެރަލްއާއެކު މި ހަފްތާ ތެރޭގައި މަޝްވަރާކުރަން ފަށާނެކަމަށް އޭސީސީން ބުނެއެވެ.