ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ތެޔޮ ލީކްވުމުގެ ހާދިސާއެއް ހިނގައިފި ހާލަތެއްގައި ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ބޭނުންވާ އާލާތްތައް ޖަޕާނުން ހަދިޔާކުރުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖަޕާނަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

ރައީސް ސޯލިހް ވަނީ، ޖަޕާނުން 43 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާ ކުރެއްވުމުން ޝުކުރު އަދާކުރައްފައިވައެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން އެގައުމުގައި ހުންނަ މެރިޓައިމް ޑިޒާސްޓާ ރެސްޕޮންސް ސެންޓަރުގައި ރާއްޖޭގެ ކޯސްޓްގާޑް އޮފިސަރުން ތަމްރީނު ކުރާތީ، އެކަމަށް ވެސް ރައީސް ސޯލިހް ޝުކުރު އަދާކުރެއްވިއެވެ.

މިއަދު ހެނދުނު ޖަޕާން ސަރުކާރުގެ ފަރާތުން 43 މިލިއަން ރުފިޔާގެ ތަކެތި ދިވެހި ސަރުކާރާ ހަވާލުކޮށްފައި ވާއިރު އެ ތަކެއްޗާ ރާއްޖޭގެެ ފަރާތުން ހަވާލުވެ ވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. ޖަޕާނުން ވެދިން އެހީތެރިކަމަށްޓަކައި އެގައުމުގެ ހާރިޖީ ވަޒީރަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފޮރިން މިނިސްޓްރީން ބުނީ 43.3 މިލިއަން ރުފިޔާގެ ތަކެތި ޖަޕާނުން ރާއްޖެއަށް ހަދިޔާކުރުމުގެ އެއްބަސްވުމުގެ އެކްސްޗޭންޖް އޮފް ނޯޓްސްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އޭރު ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ކަޒޫމީ އެންޑޯ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެރަސްމިއްޔާތުގައި އޭރު ރާއްޖެއަށް ވަޑައިގެން އުޅުއްވި ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މުޝީރު ކެންޓާރޯ ސެނައޯރާވެސް ބައިވެރިވެވަޑައިގަތެވެ.