މިމަހު އެންމެ ގިނައިން ފަތުުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޔޫއޭއީ އިން ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަނުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހު އެކަކުން 15 އަށް ރާއްޖެއަށް މިހާތަނަށް 3،476 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި އޭގެ ތެރެއިން އެންމެ ގިނައީ ޔޫއޭއީގެ ފަތުރުވެރިން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެގޮތުން މިމަހު ޔޫއޭއީން 504 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިމަހު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެއީ 421 ފަތުރުވެރިންނެވެ. ތިން ވަނަަ އަށް އެންމެ ގިނަ ފަތުރުވެރިން އެމެރިކާއިން އައިސްފައިވާއިރު އެގައުމުން ވަނީ 336 ފަތުރުވެރިން އައިސްފައި ކަމަށް ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.

މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެގޮތުން އެގައުމުން 258 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އެމެރިކާ އިންނެވެ. އެއީ 189 ފަތުރުވެރިންނެވެ.

މިދިޔަ މަހު ތިން ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޔޫއޭއީ އިންނެވެ. އެގޮތުން ޔޫއޭއީން ވަނީ 143 ފަތުރުވެރިން ރާއްޖެ އައިސްފައެވެ.

ޖުލައި 15އިން އޮގަސްޓް 15ގެ ނިޔަލަށް ރާއްޖެ އަށް 5177 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ މިދިޔަ މަހުގެ 15 ގައެވެ.