ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި ކާމިޔާބީތަކެއް ހޯދަމުންދިޔަ ނިއުޒީލަންޑުން އަނެއްކާވެސް ކޭސްތައް ފެންނަން ފަށާފައިވާއިރު، ބަލިމަޑުކަމުގެ ހުޅުގަނޑު އަނެއްކާވެސް ފަޅައިގެން ހިނގައިދާނެ ކަމުގެ ބިރާއެކު، އެ ގައުމުގެ އާންމު އިންތިހާބުގެ ވޯޓުލުން ފަސްކޮށްފިއެވެ.

މިކަން އިއުލާން ކުރައްވަމުން، ނިއުޒީލަންޑްގެ މަގުބޫލު ބޮޑުވަޒީރު ޖެސީންޑާ އެޑާން ވިދާޅުވީ ގާތްގަނޑަކަށް މަހެއްހާ ދުވަހަށް އިންތިހާބު ފަސްކޮށްފައި ވާ ކަމަށެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހަށް ތާވަލު ކޮށްފައި އޮތް ނިއުޒީލަންޑްގެ އާންމު އިންތިހާބުގެ ވޯޓުލުން މިހާރު ރީޝެޑިއުލް ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހަށެވެ.

ނިއުޒީލަންޑްގެ އާންމު އިންތިހާބުގެ ވޯޓުލުން ފަސްކޮށްފައި މިވަނީ، މިހާރު އަމަލު ކުރަންޖެހޭ ހާއްސަ އުސޫލުތަކުގެ ސަބަބުން ކެމްޕޭން ކުރުމަށް އެކަށީގެންވާ ފުރުސަތު ނުލިބޭ ކަމަށާ، މިކަމަކީ ބޮޑުވަޒީރު ކަމުގައި މިހާރު ހުންނެވި އެޑާންއަށް ނާއިންސާފުން "ބާރުތަކެއް" ލިބިވަޑައިގަންނަވާނެ ކަމެއް ބުނެ، ނިއުޒީލަންޑްގެ އިދިކޮޅު ނޭޝަނަލް ޕާޓީޏްވެސް އިންތިހާބު ފަސް ކުރުމަށް ޑިމާންޑް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެޑާން ވިދާޅުވީ، އިތުރަށް ލިބުނު ވަގުތަކީ، މިހާރު އަމަލު ކުރަންޖެހިފައިވާ ހާއްސަ ހާލަތަށް ރިއާޔަތް ކޮށްގެން ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސިޔާސީ ޕާޓީތަކަށް ލިބުނު ފުރުސަތެއް ކަމަށެވެ.

ނިއުޒީލަންޑުން ލޯކަލް ޓްރާންސްމިޝަނެއް ނުފެންނަތާ 102 ދުވަހުން އެ ގައުމުން ކޭސްތަކެއް ފެނި، އެ ކޭސްތަކާ ގުޅިގެން މިހާތަނަށް ފެނުނު ކޭސްތަކުގެ އަދަދު މިހާރު ވަނީ 49 އަށް އަރާފައެވެ. ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދިއުމާއެކު، ނިއުޒީލަންޑުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އެ ގައުމުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އޮކްލަންޑް، ލޮކްޑައުން ކޮށްފައެވެ.

102 ދުވަހުގެ ރެކޯޑް ގެއްލުވާލި ކޭސްތައް ފެނުނީ އެއް އާއިލާއަކުން ކަމަށް ކުރިން ހާމަކޮށްފައި އޮތް ނަމަވެސް، ކޮންޓެކްޓް ޓްރޭސް ކުރުމަށް ކުރެވުނު މަސައްކަތްތަކުން، އެ އާއިލާގެ ކޭސް ގުޅިފައިވަނީ، ޖުލައި 31 ވަނަ ދުވަހު ބަލިވި މީހަކާ ކަމަށާ، އެމީހަކީ ފިހާރައެއްގައި މަސައްކަތް ކުރާ މީހެއް ކަން މިހާރު ވަނީ ހާމަވެފައެވެ.

ކޮވިޑް-19ގެ ތަފާސް ހިސާބުތައް ފޯރުކޮށްދިނުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ވޯލްޑޮމީޓާގެ ރެކޯޑްތަކަށް ބަލާއިރު، ނިއުޒީލަންޑުން މިހާތަނަށް ޖުމުލަ، 1631 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. 5 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ނިއުޒީލަންޑްގެ ކޮންމެ 3067 މީހަކުން 1 އަށް ކޮވިޑް-19 ޖެހިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ. އަދި މި ބަލީގައި އެ ގައުމުން 22 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ.