ވެންޓިލޭޓަރުތަކާ ގުޅޭގޮތުން ހާމަކުރީ ހެލްތު މިނިސްޓްރީން ހިއްސާކުރެއްވި މައުލޫމާތު ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކު މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ވެންޓިލޭޓަރު ތަކާ ބެހޭ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދެއްވާފައި ވާނީ ހެލްތު މިނިސްޓްރީން އޭނާ އަށް ދީފައިވާ މައުލޫމާތު ތައް ކަމަށެވެ.

އެގޮތުން ކޮމްޕެނީގެ ނަންތަކާއި، ޕޭމެންޓުގެ ތަފްސީލު އަދި ޑެލިވަރީގެ ތަފްސީލަކީ ވެސް މިނިސްޓްރީން ހާމަކުރި މައުލޫމާތު ކަމަށް މަބްރޫކު ވިދާޅުވިއެވެ.

އޭގެ އިތުރުން އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ކޮވިޑާ ގުޅޭ އޮޑިޓް ރިޕޯޓުތަކަކީ ދެފުށް ފެންނަ އަދި ހާމަކަން ބޮޑު އުސޫލުތައް ގާއިމު ކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް މަބްރޫކު ވިދާޅުވިއެެވެ. އަދި ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށް ވެސް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

މަބްރޫކް މިހެން ވިދާޅުވެފައި ވާއިރު، ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލުތައް ބަޔާން ކުރާ އޮޑިޓް ރިޕޯޓުގައި ހުރި ކަންކަމަށް ރިޔާއަތް ކޮށް، ވަކި މީހަކަށް ބެލުމެއްނެތި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވެސް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓް އާންމިކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހެވެ. އަދި ހެލްތް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ގުޅިގެން އޮޑިޓް އޮފީހުން ރިޕޯޓެއް އާންމުކޮށްފައި ވަނީ މިއަދެވެ.