ތިންލައްކައަށް ވުރެ ގިނަ ގިނަ ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށް ރުފިޔާއަށް ވުރެ ނޮޑ އަދަދެއް ހޭދަކޮށްފައިވާ ކަމަށާއި ލިބިފައިވަނީ 2،000 ސާޖިކަލް ކެޕް އެކަނި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސާ ގުޅީގެން މިއަދު ނެރުނު އޮޑިޓު ރިޕޯޓުގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ބޭނުންވާޕީޕީއީ ހޯދުމަށް ޖުމްލަ 32,968,650 ރުފިޔާ، މިނިސްޓްރީ އޮފް ހެލްތުން އެސްޓީއޯ ޕަބްލިކް ލިމިޓެޑަށް އެޑްވާންސްކޮށް ހަވާލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އެ ގޮތުގެމަތިން ފައިސާ ދެއްކުނު ތަކެތީގެ ތެރެއިން 2,000 ސާޖަން ކެޕް ފިޔަވައި، ދެންހުރި ތަކެތި މިނިސްޓްރީއަށް ލިބިފައި ނުވާކަމަށް، އެ ފަރާތުން މައުލޫމާތު ދޭ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
މިނިސްޓްރީ އޮފް ހެލްތުން އެޑްވާންސައް ފައިސާ ދައްކާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ:
- 5،000 ސާޖިކަލް ގައުން
- 9،975 ހެޒްމެޓު ސޫޓު
- 10،000 ޑިސްޕޮސެބަލް ފޭސް ޝީލްޑް
- 4،950 ރީ-ޔޫސެބަލް ޕްރޮޓެކްޓިވް ގޮގުލްސް
- 10،000 ޑިސްޕޮސެބަލް ޝޫ ކަވާ
- 9،000 ޑިސްޕޮސެބަލް ހެޑް ކަވާ (ސާޖަން ކެޕް)
- 1،000 އެންކަލް ބޫޓު
- 50 ބޮޑީ ބޭގް
- 256،000 N95 3M މާސްކު
މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި އެ ތަކެތީގެ ސްޓޮކް މެނޭޖްކުރުމާއި ޑިސްޕެޗް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރައީސް އޮފީސް، އެސްޓީއޯ ޕަބްލިކް ލިމިޓެޑު އަދި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރީޓީންނެވެ.
ނަމަވެސް، އެ މުއާމަލާތުގެ ދަށުން ހޯދޭ ތަކެތީގެ ސްޓޮކް ރެކޯޑުތައް މިނިސްޓްރީ އޮފް ހެލްތުން ބަލަހައްޓާފައި ނުވާތީ، އެސްޓީއޯ އިން، އެކިއެކި މުއައްސަސާތަކަށް ސަޕްލައިކޮށްދިން ތަކެތީގެ އަދަދާއި، ސްޓޮކް ބާކީގެ ގޮތުގައި ހުންނަން ޖެހޭ މިންވަރާއި، ހުރި މިންވަރު، އެ މިނިސްޓްރީއަށް އެނގެން ނެތް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
އަދި މިހާތަނަށް ލިބިފައިވާ މުދަލުގެ ފައިސާގެ އަދަދާއި، ނުލިބި ހުރި މުދަލަށް ޖެހޭ ފައިސާގެ އަދަދު ބަލަހައްޓާފައި ނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.