އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ކޮއްކޯފުޅު، އުމުރުން 71 ގެ ރޮބާޓް ޓްރަމްޕް އަވަހާރަވެއްޖެއެވެ.

ނިއުޔޯލްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދަނިކޮށް ރޮބާޓް ޓްރަމްޕް އަވަހާރަވިކަން އިއުލާން ކުރެއްވީ ޑޮނާލްޓް ޓްރަމްޕް އާންމު ކުރެއްވި ބަޔާނެއްގައެވެ. ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ރޮބާޓް ޓްރަމްޕް އަވާހަރަވިކަން އިއުލާން ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ރޮބާޓް ޓްރަމްޕަކީ ހަމައެކަނި ކޮއްކޯފުޅު ނޫންކަމަށާ، އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވެސްމެއެވެ.

މެންހެޓަންގެ ނިއުޔޯކް-ޕްރެސްބެޓޭރިއަން ހޮސްޕިޓަލުގައި ރޮބާޓް ޓްރަމްޕަށް ފަރުވާދެމުންދިޔައީ ކޮން އާލާސްކަންފުޅަކާ ގުޅިގެންކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އެކަމާ ބެހޭ މައުލޫމާތު އެނގޭ މަސްދަރަކާ ހަވާލާދީ، ސީއެންއެންއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ރޮބާޓް ޓްރަމްޕް އާލާސްކަންފުޅާ އުޅުއްވާތާ އެތައް މަހެއް ވެއްޖެއެވެ.

ރޮބާޓް ޓްރަމްޕް ވަނީ، ޓްރަމްޕް އޯގަނައިޒޭޝަންގެ އެގްޒެކެޓިވް ވައިސް ޕްރެސިޑެންޓްގެ ގޮތުގައި ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން 2016 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭން ދުވަސްވަރު، ޑޮނާލްޓް ޓްރަމްޕްގެ ކެމްޕޭންގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެއް ޝަހްސަކީވެސް ރޮބާޓް ޓްރަމްޕެވެ.