އިންޑިއާ ކަނޑުގެ ޖަޒީރާ ރަށެއް ކަމަށްވާ މޮރިޝަސްގެ އައްސޭރިފަށުގެ ސަރަހައްދަށް އުރި، ކަނޑަށް ގިނަ އަދަދަކަށް ތެޔޮ ބޭރުވަމުންދިޔަ ޖަޕާނުގެ ބޯޓު އެންމެ ފަހުން 2 ބުރި ވެއްޖެއެވެ.

ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކާ ދާދި ކައިރިއަށް އުރުނު މި ބޯޓު 2 ބުރި ވުމާއެކު، އެމްވީ ވަކާޝިއޯ ބޯޓުގައި ބާކީ ހުރި ތެޔޮތައްވެސް ވަނީ އެ ސަރަހައްދަށް ބޭރުވެފައެވެ.

މޮރިޝަސްގެ އައްސޭރިފަށުގެ ސަރަހައްދުގައި އޮންނަ ފަރަށް މި ބޯޓު އުރުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. ފަރުމަތީ އޮވެ، ރާޅުގެ އޮޔާ ތަޅަމުން، ބޯޓު 2 ބުރިވާން ފެށި ހިސާބުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބޯޓުން 1000 ޓަނުގެ ތެޔޮ، ކަނޑަށް ބޭރުވާން ފެށީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

އިންޑިއާ ކަނޑުގެ ޖަޒީރާ ރަށެއް ކަމަށްވާ މޮރިޝަސްގެ އިރުމައްޗަށް އުރިފައިވާ ބޯޓުން ކަނޑަށް ތެޔޮ އެޅެނީ/ފޮޓޯ: މެކްސާ ޓެކްނޮލޮޖީޒް

މި ހާދިސާއާ ގުޅިގެން މޮރިޝަސްއިން ވަނީ ތިމާވެށީގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އިތުރު ކާރިސާއަކާ ކުރިމަތިލާން ނުޖެހި ވޭތީ ވަރަށް މަސައްކަތް ކޮށްފައެވެ. އެގޮތުން، ބޯޓުގައި ބާކީ ހުރި 3000 ޓަނުގެ ތެޔޮ ޕަމްޕު ކުރުމަށްވެސް މޮރިޝަސްއިން ވަނީ މަސައްކަތް ކޮށްފައެވެ.

ކަނޑަށް ބޭރުވެގެންދާ ތެޔޮތަށް އެއް ގަމަށްވެސް ލައްގަމުންދާއިރު މި ހާދިސާގެ ސަބަބުން ފަރުތަކަށް ލިބޭ ގެއްލުމަކީ އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމަކަށް ވެދާނެ ކަމުގެ އިންޒާރު، ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ ދީފައެވެ.

އިންޑިއާ ކަނޑުގެ ޖަޒީރާ ރަށެއް ކަމަށްވާ މޮރިޝަސްގެ އިރުމައްޗަށް އުރިފައިވާ ބޯޓުން ކަނޑަށް ތެޔޮ އެޅެނީ/ފޮޓޯ: މެކްސާ ޓެކްނޮލޮޖީޒް

ކަން މިހެން އޮތް އިރު، ޖަޕާނުގެ ތިމާވެއްޓާ ބެހޭ ވަޒީރު ޝިންޖީރޯ ކޮއިޒޫމީ ވިދާޅުވީ، މި ހާދިސާގައި މޮރިޝަސްއަށް ލިބިފައިވާ ގެއްލުން ބަލާ، ދިރާސާ ކުރުމަށް އެ ވުޒާރާގެ ޓީމެއް، ސްޕެޝަލިސްޓުންނާއެކު އެ ސަރަހައްދަށް ދަތުރު ކުރާނެ ކަމަށެވެ. ޚުދު ކޮއިޒޫމީވެސް ވަނީ، ކަނޑަށް ތެޔޮ ބޭރުވުމަކީ ގުދުރަތީ ދިރިއުންތައް ގެއްލި ދިއުމުގެ ބޮޑު ކާރިސާއަކާ ކުރިމަތިވެދާނެ ކަމަށް ވިދާޅުވެފައެވެ.

ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމަށް ދުރާލާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ދަނީ މޮރިޝަސްގެ ސަރުކާރަށް ޕްރެޝަރު ކުރަމުން ކަމަށް ޚަބަރު ލިބެއެވެ. މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖުގްނައުތު ވިދާޅުވާ ގޮތުގައި، މަސައްކަތްތައް ނުފެށި ލަސްވީ، މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

އިންޑިއާ ކަނޑުގެ ޖަޒީރާ ރަށެއް ކަމަށްވާ މޮރިޝަސްގެ އިރުމައްޗަށް އުރިފައިވާ ބޯޓުން ކަނޑަށް ތެޔޮ އެޅި އެއްގަމާ ހިސާބަށް ތެލުގެ އަސަރު ކޮށްފަ/ފޮޓޯ: އޯމީ ސަކީނާ

ބޯޓުގެ އޯނަރު ކަމަށްވާ ނަގަޝީކީ ޝިޕިންގްއިން ދަނީ ހާދިސާ ހިނގަން މެދުވެރި ވި ސަބަބު ދެނެގަތުމުގެ ތަހުގީގުތައް ހިންގަމުންނެވެ. މޮރިޝަސްގެ ސަރުކާރުން ދަނީ، މި ކުންފުނި އަތުން ގެއްލުމުގެ ބަދަލު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަގަޝީކީއިންވަނީ، އިހުލާސްތެރިކަމާއެކު މިކަމަށް އިޖާދޭނެކަމަށް ބުނެފައެވެ.