ހަލުވިކަމާއެކު ފެތުރެމުންދާ އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް މުޅި ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް އުފެއްދި ވެކްސިންގެ ގޮތުގައި ރަޝިއާއިން ޕްރޮމޯޓް ކުރަމުން އަންނަ "ސްޕަޓްނިކް 5"ގެ ފުރަތަމަ ބެޗް އުފައްދައިފިއެވެ.

ރަޝިއާއިން ވެކްސިންގެ ފުރަތަމަ ބެޗް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި މިވަނީ އެ ވެކްސިންގެ ރައްކާތެރިކަމާ، ކާމިޔާބު ކަމާ މެދު ސައެންސްވެރިންނާ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ.

ވެކްސިނަކީ ތަފާތު އެކި މަރުހަލާތަކެއް ފުރިހަމަ ކުރުމަށް ފަހުގައި މެނުވީ އިންސާނުންގެ ހަށިގަނޑުގައި ބޭނުން ނުކުރާ އެއްޗަކަށް ވީ ނަމަވެސް، ރަޝިއާއިން "ސްޕަޓްނިކް 5" ރަޖިސްޓްރީ ކޮށް ބައެއް މީހުންނަށް ވެކްސިން ދީފައިވަނީ ކްލޮނިކަލް ޓްރަޔަލްސްގެ އެންމެ ފަހު މަރުހަލާގެ ތަހުލީލުތައް ފުރިހަމަ ނުކޮށެވެ. އެ މަރުހަލާގެ މަސައްކަތްތައް ފެށީ އަދި ކިރިއާއެވެ.

ނަމަވެސް، ވެކްސިންގެ ކާމިޔާބީ އިއުލާން ކުރައްވަމުން ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ހުސްވި ހަފުތާގައި ވިދާޅުވީ، އޭނާގެ އެއް ދަރިކަނބަލަކަށްވެސް މި ވެކްސިން ދީފައި ވާނެ ކަމަށެވެ.

ރަޝިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމު ކުރި ބަޔާނަކަށް ރިއާޔަތްކޮށް ރަޝިއާގެ މީޑިއާއިން އާންމުކުރި ރިޕޯޓްތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ޚަބަރު ދޭ ގޮތުގައި، ގަމާލެޔާ ރިސާޗް އިންސްޓިޓިއުޓްއިން ތަރައްގީ ކުރި ކޮވިޑް-19ގެ ފުރަތަމަ ވެކްސިންގެ ފުރަތަމަ ބެޗް އުފެއްދުމުގެ މަސައްކަތްތައް މިހާރު ނިމިފައި ވާ ކަމަށެވެ.

ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަކާ ނުލާ ފުޅާ ދާއިރާއެއްގައި ވެކްސިން ދިނުމަށް ރަޝިއާއިން މަސައްކަތް ކުރަމުންދާއިރު، ހުޅަނގުގެ ސައެންސްވެރިން ދަނީ މިކަމަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުންނެވެ. އަދި މިއީ އިންތިހާއާށް ނުރައްކާތެރި ފިޔަވަޅެއް ކަމަށްވެސް ދާއިރާގެ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. ނަމަވެސް ރަޝިއާއިން ދަނީ މިހުރިހާ ފާޑުކިއުންތަކަކަށް ފުރަގަސްދެމުންނެވެ. އަދި މިއީ އެ ގައުމުގެ ދިރާސާތަކުގެ އަގު ވައްޓާލުމަށް ބަޔަކު ކުރާ ކަމެއްގެ ގޮތުގައި ރަޝިއާއިން ދަނީ، މި ކަން ސިފަކުރަމުންނެވެ.

ވެކްސިން އުފެއްދުމުގެ މަސައްކަތް ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް/ފޮޓޯ: މޮސްކޯ ޓައިމްސް

ކޮވިޑް-19އިން ދިފާއުވުމަށް ރަޝިއާއިން ތަރައްގީ ކުރި ވެކްސިން، ސިނާއީ ފެންވަރުގައި އުފެއްދުމުގެ މަސައްކަތް ފަށާނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް ޚަބަރު ލިބެއެވެ. މައުލޫމާތު ލިބޭ ގޮތުގައި، އަމާޒަކީ މިއަހަރުގެ ޑިސެމްބަރު ނުވަތަ އަންނަ އަހަރުގެ ޖަނަވަރީ މަހަށް، އެންމެ މަދުވެގެން 5 މިލިއަން ޑޯޒް އުފެއްދުމެވެ.

ރަޝިއާގެ ސިއްހަތާ ބެހޭ ވަޒީރު، މީކާއީލް މުރާޝްކޯ ވިދާޅުވި ގޮތުގައި މި ވެކްސިން އެންމެ ފުރަތަމަ ފޯރުކޮށްދޭނީ ސިއްހީ ދާއިރާގެ ހިދުމަތްތެރިންނަށެވެ. އެއަށްފަހު ރަޝިއާގެ ހުރިހާ ރައްޔިތުންނަށްވެސް މި ފުރުސަތު އޮންނާނެ ކަމަށާ، އެ ފުރުސަތަށް އެދުމަކީ އަމިއްލަ އިހުތިޔާރުގައި ވޮލަންޓްރީ އުސޫލުން އޮތް ކަމެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޑަބްލިއުއެޗްއޯއިންވަނީ، ރަޝިއާގެ ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާތަކެއް ކުރިއަށްދާ ކަން ހާމަކޮށްފައެވެ.