މާދަމާ އަށް ތާވަލު ކޮށްފައިވާ ޝަރީއަތް ގެންދަނީ ކުރީގެ ރައީސް ޔާމީނާއި ބައްދަލު ކުރަން ވަކީލުންނަށް އެކަށީގެންވާ ވަގުތު ނުދީ ކަމަށް ބުނެ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީނަށްވެސް ވަކީލުންނާ ބައްދަލުވެ، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އެކަށީގެންވާ ވަގުތާއި ފުރުސަތު ދިނުމަށް ފަހު ނޫނީ ޝަރީއަތުގެ ކަންކަން ކުރިއަށް ނުގެންދިއުމަށް ގޮވައިލާ ކަމަށާއި ވަކީލުންނާ ބައްދަލު ކުރެވޭނެ ގޮތެއް ހަމަނުޖައްސައި ކުރިމިނަލް ކޯޓުގައި ދެ ޝަރީއަތެއް ތާވަަލުކުރުމަކީ ރައީސް ޔާމީނަށް ދޭ އަނިޔާއެއް ކަމަށެވެ.

ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލު ނުކުރެވޭ ވާހަކަ ހައިކޯޓުގައި ފާހަގަކުރެއްވުމުން އެކަން ހަމަޖައްސައިދިނުމަށް ހައިކޯޓުން އެންގިތާ އެއް މަސްވެގެން ގޮސްފައިވާ ކަމަށާއި ނަމަވެސް އެކަން ހަމަޖެހިފައިނުވާ ކަން ވަނީ ފާހަގަ ކޮށްފައެވެ.

ވަކީލުންނާ ބައްދަލު ނުކުރެވުމުގެ ސަބަބުން އިދިކޮޅު ކޯލިޝަނުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ބައްދަލުކުރި ކަމަށާއި އެ ބައްދަލުވުމުގައި ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލު ކުރެއްވޭނެ އިންތިޒާމު ހަމަޖައްސައި ދެއްވުމަށް އެދިފައިވާނެ ކަމަށާއި ނަމަވެސް މިހާތަނަށް އެކަން ހަމަޖެހިފައިނުވާ ކަމުގައިވެސް އެކޯލިޝަނުން ބުނެއެވެ.

ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލުކުރެއްވުމުގެ އިންތިޒާމު ހަމަޖައްސައި ދީފައި ނުވާއިރު، ދައުލަތުން އުފުލާ ދެ ދައުވާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ތާވަލުކުރުމަކީ ރައީސް ޔާމީނާ ދެކޮޅަށް ހިންގާ ސިޔާސީ ހަރަކާތެއް ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

ރައީސް ޔާމީނުގެ މައްޗަށް ދައުވާ އުފުލުމާއި ޝަރީއަތް ކުރުމުގައިވެސް ހަމަހަމަކަމާއި އިންސާފު އިސްކޮށް، އަނިޔާވެރިވުމަށް ފުރުސތެއް ނޯންނާނެ ގޮތަށް ގާނޫނު އަސާސީން އެންމެނަށް ލިބޭ ހަމަހަމަކަން ފޯރުކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ގެންދިއުމުގެ ކުރިން ގާނޫނު އަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުވާ ވަކީލަކު ލިބުމުގެ ހައްގު ރައީސް ޔާމީނަށް ފޯރުކޮށްދިނުމަށް އެކޯލިޝަނުން ވަނީ ގޮވާލާފައެވެ.

މާދަމާއަށް އަޑުއެހުމެއް ތާވަލް ކޮށްފައި ވާއިރު، ހައި ކޯޓުގައި އިސްތިއުނާފުކޮށް، މިމަހުގެ 5 ވަނަ ދުވަހަށް ތާވަލު ކުރި އިސްތިއުނާފު އަޑުއެހުން އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ވަނީ ކެންސަލް ކޮށްފައެވެ.

މާދަމާ ކޯޓުގައި ތާވަލު ކޮށްފައި އޮތީ، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ.

މާދަމާ ހެނދުނު 10 ޖަހާއިރަށް ތާވަލު ކޮށްފައިވާ މި ދެ ދައުވާ އަކީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ ދެ ދައުވާއެވެ.

ޕީޖީ އޮފީހުން ދައުވާ އުފުލާފައިވަނީ، ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި ރައީސް ޔާމީން 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަ ކޮށްފައި ވާ ކަމަށް ބުނެއެވެ. މި މައްސަލާގައި ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުންވެސް ހިމެނެއެވެ.

މި މައްސަލައަކީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ކޮރަޕްޝަންތައް ބަލާ ރިޔާސީ ކޮމިޝަން ގުޅިގެން ހިންގާފައިވާ ތަހުގީގެވެ.