ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓު ގުނަންނަ ޖެހޭ ތާރީހަށް، މެއިލް މެދުވެރިކޮށް ދީފައިވާ ވޯޓު ކަރުދާސްތައް ކަމާބެހޭ ފަރާތްތަކާ ހިސާބަށް ނުފޯރާފާނެ ކަމުގެ އިންޒާރު، އެމެރިކާގެ ޕޯސްޓް އޮފީސް (ޔޫއެސް ޕޯސްޓަލް ސާވިސް) އިން ދީފިއެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނިޒާމު ހަމަޖެހިފައި އޮންނަ އޮތުން، މެއިލް މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު އެ ގައުމުގެ ބައެއް ރައްޔިތުންނަށް އޮވެއެވެ.
ޑެލިވަރީ ހިދުމަތަށް ލަސްވާނެކަމުގެ އިންޒާރު
ރިޔާސީ އިންތިހާބުގެ ވޯޓަށް 80 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށް ޕޯސްޓް އޮފީހުން އެކި ސްޓޭޓްތަކަށް ފޮނުވި ސިޓީތަކެއްގައި ބުނެފައިވަނީ، ބައެއް ސުންގަޑިތަކަކީ އެ އޮފީހުގެ ޑެލިވަރީ މިންގަނޑުތަކާ އެކަށީގެން ނުވާ ސުންގަޑިތަކެއް ކަމަށެވެ.
ކަން މިހެން އޮތްއިރު، ފާޑުކިއާ ފަރާތްތަކުން ތުހުމަތުގެ އިނގިލި އަމާޒު ކުރަމުންދަނީ އެމެރިކާގެ ޕޯސްޓްގެ ހިދުމަތްތަކާ ބެހޭ އިސްވެރިޔާގެ މަގާމާ ދާދި ފަހުން ހަވާލުވެވަޑައިގަންނެވި އޮފިޝަލަށެވެ. ޕޯސްޓްމާސްޓާ ޖެނެރަލް ލުއީސް ޑިޖޯއީއަކީ، ދެވަނަ ދައުރަކަށް ފައިވިއްދަވައިގެން ހުންނެވި މިހާރުގެ ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ސަޕޯޓަރެކެވެ. ފާޑުކިއާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، ޕޯސްޓް އޮފީހުން ގަސްތުގައި ޑެލިވަރީ ލަސްކުރަނީއެވެ.
މިއީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ މުޅި ދުނިޔެ ކުރިމަތިލާފައިވާ ދަނޑިވަޅަކަށް ވެފައި، ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވަނީ އެމެރިކާގައި ކަމަށް ވާއިރު، މިފަހަރުގެ އިންތިހާބުގައި ރެކޯޑް އަދަދެއްގެ ބަޔަކު މެއިލް މެދުވެރިކޮށް ވޯޓުލާނެ ކަމަށް ބެލެވެއެވެ.
ޓްރަމްޕްގެ ސީދާ ހިޔަނި ވޯޓަށް
މެއިލް މެދުވެރިކޮށް ވޯޓުލުން ކުރިއަށް ގެންދިއުމާ ފާޅުގައި ދެކޮޅު ހައްދަވަމުން ގެންދަވާ ޓްރަމްޕް ވަނީ، ޕޯސްޓް އޮފީހަށް ބޭނުންވާ ފަންޑަށްވެސް ހުރަސް އަޅުއްވާފައެވެ.
ޓްރަމްޕް ތުހުމަތު ކުރައްވާ ގޮތުގައި މެއިލް މެދުވެރިކޮށް ވޯޓު ލުމަކީ، މަކަރު ހެދުމަށާ، އޮޅުވާލުމަށް މަގުފަހި ކޮށްދޭނެ ކަމެކެވެ. އަދި މިއީ އިދިކޮޅު ސިޔާސީ ވާދަވެރިޔާ، ޑިމޮކްރަޓިކް ރިޔާސީ ކެންޑިޑޭޓް، ޖޯ ބައިޑަންއަށް ތާއީދު ބޮޑުކުރުމަށްވެސް ނާޖާއިޒު ފައިދާ ނަގާފާނެ ކަމަށްވެސް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވާފައެވެ.
މެއިލް މެދުވެރިކޮށް ވޯޓުލުމާ ދެކޮޅަށް ވާހަކަދައްކަވާއިރު، ޚުދު ޓްރަމްޕްވެސް ވޯޓުލައްވަނީ މި އުސޫލުންނެވެ. އެމެރިކާގެ އަސްކަރިއްޔާގެ މެމްބަރުންނަކީވެސް މެއިލް މެދުވެރިކޮށް ވޯޓުލާ ބައެކެވެ. ކަންމިހެން އޮތްއިރު، ތަޖުރިބާކާރުން ވިދާޅުވަނީ، މެއިލް މެދުވެރިކޮށް ލާ ވޯޓަށް ބަދަލު ގެނައުމުގެ ފުރުސަތެއް ނޯންނަ ކަމަށެވެ.
ސިޔާސީ ފާޑުކިއުން
އެމެރިކާގެ އަދުގެ މަސްރަހަށް ރިއާޔަތް ކުރައްވަމުން، ކުރީގެ ރައީސް ބަރާކް އޮބާމާ ވަނީ ޓްރަމްޕަށް ފާޑުވިދާޅުވެ، ޓްވިޓާއަށް ސިޓީފުޅެއް ދޫކޮށްލައްވާފައެވެ. މި ސިޓީފުޅުގައި އޮބާމާ ވިދާޅުވަނީ، ވައިރަސް ކޮންޓްރޯލް ކުރުމުގެ ބަދަލުގައި، ޓްރަމްޕްގެ ސަރުކާރުގެ ސަމާލުކަން ހުއްޓިފައިވަނީ ވޯޓުލާ މީހުން ކޮންޓްރޯލް ކުރުމަށް ކަމަށެވެ.
މިއާއެކު، ގާނޫނު ހަދާ މަޖިލީހުގައި އިދިކޮޅު ޑިމޮކްރަޓުން ތަމްސީލު ކުރައްވާ އިސް، 2 ލީޑަރުން ކަމަށްވާ ނޭންސީ ޕެލޯސީއާއި ޗަކް ޝޫމާ ވަނީ އެމެރިކާގެ ޕޯސްޓުގެ ހިދުމަތަށް ޓްރަމްޕް ދެއްވާ "ހަމަލާތައް" ހުއްޓާލެއްވުމަށާ، އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އުކުޅުތައް ތަންފީޒު ކުރެއްވުމަކާ ނުލާ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފުރުސަތު ދެއްވުމަށް ޓްރަމްޕަށް ގޮވާލައްވާފައެވެ.
ޕޯސްޓް އޮފީހުން ބުނަނީ ކީކޭ؟
އެމެރިކާގެ ޕޯސްޓާ ބެހޭ އިދާރާއިން ބުނާ ގޮތުގައި މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މިހާރުވެސް ދަރާފައިވާ ދަރަނީގެ އަގު 160 ބިލިއަނެއްހާ ޑޮލަރަށްއަރެއެވެ.
ގަވައިދު ބުނާ ގޮތުގައި އިންތިހާބު އޮންނަ ދުވަހުގެ 1 ހަފުތާ ކުރިންވެސް މެއިލް މެދުވެރިކޮށް ވޯޓުލެވެއެވެ. ނަމަވެސް ޕޯސްޓް އޮފީހުގެ ޖެނެރަލް ކައުންސެލް ޓޮމަސް މާޝަލް ވިދާޅުވާ ގޮތުގައި، މި ގަވައިދުތަކަކީ އެ އިދާރާއަށް ލިބިފައިވާ ޑެލިވަރީގެ ގާބިލިއްޔަތުކަމާ ފުށޫ އަރާ ގަވައިދުތަކެއް ކަމަށެވެ.
މެއިލް މެދުވެރިކޮށް ވޯޓުލުމަށް ހުރަސް އެޅުއްވުމަށް ޓްރަމްޕް ޖައްސަވަމުން ގެންދަވާ ބެރާ އެއްވަރަށް ޕޯސްޓް އޮފީހުންވެސް ދަނީ ނަށަމުންކަން ފާހަގަކުރަންޖެހެއެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގައި ހުރި ޕޯސްޓް ފޮށިތައް ނަގާފައިވާއިރު، ޕޯސްޓްގެ ހިދުމަތްދޭ ވަގުތުވެސް ދަނީ ކުޑަކުރަމުންނެވެ. އަދި ޕޯސްޓް އޮފީހުގައި މުވައްޒަފުން މަސައްކަތް ކުރަންޖެހޭ ވަގުތުވެސް ކުޑަކުރަމުން އަންނައިރު، މިއީ ހަމަ ޔަގީނުންވެސް އިންތިހާބުގެ ނަތީޖާއަށް ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ކުރުވާނެ ވަރުގެ ފިޔަވަޅުތަކެކެވެ.