އަވަށްތެރި އިންޑިއާއަކީ އެކި ކަހަލަ މުނާސަބާތައް ފާހަގަ ކުރުމުގައި އާދަޔާ ހިލާފު ރޫހަކާ ސަގާފަތެއް ގެންގުޅޭ ގައުމެކެވެ. ކުރިއަށް އޮތީވެސް އިންޑިއާއަށް މުހިންމު މުނާސަބާއެކެވެ.

އިނގިރޭސިންގެ އިސްތިއުމާރީ އަޅުވެތިކަމުން އިންޑިއާއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 74 ވަނަ އަހަރު ފުރޭނީ މާދަމާއެވެ. ނަމަވެސް، މި ދަނޑިވަޅަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްކަމުން، މިނިވަން ދުވަހުގެ އިހުތިފާލުތަކަށް އިންޑިއާއިން ވަނީ ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފައެވެ.

ބަލިމަޑުކަމާއެކުގައިވެސް މިނިވަން ދުވަހުގެ މުނާސަބާއާ ގުޅުންހުރި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އިންޑިއާއިން ވަނީ ނިންމާފައެވެ. ނަމަވެސް ވަކި ހައްދުތަކެއްގެ ތެރޭގައެވެ. ޖިސްމާނީ ގައިދުރުކަމާ، އެނޫންވެސް އެފަދަ ފިޔަވަޅުތަކާއެކުގައެވެ.

ވެރިރަށް ނިއުދިއްލީގައި ބޮޑުވަޒީރު ނަރޭންދްރާ މޯދީ، އަހަރީ ޚިތޯބު ދެއްވާ ރަސްމިއްޔާތުގައި މިފަހަރު ބައިވެރިވާނީ އެންމެ 4000 އެއްހާ މީހުންނެވެ. މިއީ 3 ބިލިއަން މީހުންގެ އާބާދީއަކާ ބަލާއިރު ކުޑަ މިންވަރެކެވެ. މިއީވެސް ވަކި ހާއްސަ ދައުވަތެއް ލިބިގެން މެނުވީ އެ ރަސްމިއްޔާތުގައި ބައިވެރިވާ ބައެއް ނޫނެވެ. ދައުވަތު ލިބިފައިވަނީ ޑިޕްލޮމެޓުންނާ، އޮފިޝަލުންނާ މީޑިއާއަށެވެ.

ކޮންމެ ދެ ޖަލީސެއްގެ ދެމެދުގައި އެންމެ މަދުވެގެން 6 ފޫޓުގެ ދުރުމިން ހުންނާނެއިރު، ކޮންމެ މީހަކުވެސް މާސްކު އަޅަންޖެހޭ ކަމަށް ދިފާއީ ވުޒާރާއިން ވަނީ ލާޒިމުކޮށްފައެވެ. ޖަލްސާއަށް ވަދެނިކުމެވުމަށް ހާއްސަ ގޭޓެއް ހަމަޖައްސާފައިވާއިރު، ބަލީގެ އަލާމާތްތަކަށް ސްކްރީން ކުރުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

މިނިވަން ދުވަހުގެ ގާޑް އޮފް އޮނާގައި ބައިވެރިވާ، އެއްގަމާ، ކަނޑާ، ވައިގެ އަސްކަރިއްޔާގެ އިތުރުން ފުލުހުންގެ ފައުޖު މިހާރުވެސް އޮތީ ކަރަންޓީނުގައެވެ.