ރޭ ކުޅުނު ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ މެޗުގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ބަލިކޮށް ޖަރުމަނުވިލާތުގެ އާރްބީ ލެއިޕްޒިގް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިމެޗުގެ ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ މާގިނަ ފުރުސަތުތަކެއް ދެ ޓީމުން ކުރެ ޓީމަކަށް ނުއުފެއްދުނު އިރު ދެވަނަ ހާފްގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ ލެއިޕްޒިގްއިންނެވެ. މެޗުގެ 50 ވަނަ މިނެޓްގައި އެޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޑެނީ އޮލްމޯއެވެ.
އެހެން ނަމަވެސް މެޗުގެ 72 ވަނަ މިނެޓްގައި އެތްލެޓިކޯ އަށް ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ސްކޯ 1-1 އަކަށް ހަދާ ދިނީ ޒުވާން ފޯވަޑް ހައޯ ފީލިކްސްއެވެ.
މެޗު އިތުރު ވަގުތަށް ގެންދިއުމަށް އެތްލިޓިކޯއިން ކުރަމުން ދިޔަ މަސައްކަތްތައް ނާކާމިޔާބުކޮށްލީ 88 ވަނަ މިނެޓްގައި ލެއިޕްޒިގުން ކާމިޔާބުކުރި ލަނޑެވެ. އެޓީމަށް ކުޅޭ އެމެރިކާގެ ކުޅުންތެރިޔާ ޓެއިލާ އެޑަމްސް ޖެހި މިލަނޑާއެކު މީގެ 11 އަހަރު ކުރިން އުފެދިގެން އައި ލެއިޕްޒިގް މިވަނީ މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީއަށް ދަތުރުކޮށްފައެވެ.
ސެމީގައި އެޓީމުން ވާދަ ކުރާނީ ފަރަންސޭސިވިލާތުގެ ޕީއެސްޖީއާއެވެ.
އެހެން ސީޒަން ތަކާ ޚިލާފަށް މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގަދަ އަށެއްގެ މެޗުތައް ކުޅެމުންދަނީ ޕޯޗުގަލްގެ ލިޒްބަންގައި ކުރިއަށްދާ ނޮކްއައުޓް މުބާރާތެއްގެ ގޮތުގައެވެ. އެހެން ސީޒަންތަކުގައި ފައިނަލް މެޗު ނޫން ކޮންމެ މެޗެއް ވެސް ދެ ލެގަކަށް ބަހާލައިގެން ކޮންމެ ޓީމެއްގެ ދަނޑުގައި އެއް ލެގު ކުޅޭ އިރު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އަދި ވެސް ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޯވިޑް-19 ޕެންޑަމިކްގެ ސަބަބުން ޔޫއެފްއާއިން ވަނީ މުބާރާތުގެ ފޯމެޓަށް ބަދަލު ގެނެސްފައެވެ.