އަވަސް އޮންލައިންގެ ޗީފް އެޑިޓަރު އާދަމް ހަލީމް (މުންޑޫ)ގެ މައްޗަށް ކުރާ ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލާގައި ނޫސްވެރިންތަކެއް ޕެޓިޝަނެއް ހުށަހެޅުމާއެކު ފުލުހުން ބަލަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އޮންލައިން ނޫހެއްގެ އިސް މީހެއްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް ނޫސްވެރިންތަކެއް ހުށަހަޅާފައިވާ ޕެޓިޝަން ލިބިފައިވާ ކަމަށެވެ. އަދި މި ޕެޓިޝަނުގައި ތުހުމަތުކުރާ ކަންތައްތަކާ ގުޅެ ގޮތުން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އާދަމް ހަލީމްގެ މައްޗަށް ކުރާ ތުހުމަތުތައް ބަލައި އެކަންކަން ސާބިތުވާ ނަމަ އަދަބު ދިނުމަށާއި އާދަމް ހަލީމަށް ދީފައިވާ އާއްމު ހިދުމަތުގެ ގައުމީ އިނާމާއި ނޫސްވެރިކަމުގެ ރަން ގަލަން އަތުލުމަށް ގޮވާލައި ރައީސް އޮފީހާއި އެމްއެމްސީ އާއި ޕޮލިހާއި ހޯމް މިނިސްޓްރީ އަދި ޖެންޑާ މިނިސްޓްރީ އަށް ޕެޓިޝަނެއް ހުށަހަޅައިފައި ވަނީ މިދިޔަ އަންގާރަ ދުވަހެވެ. އޭގައި 19 މީޑިއާއެއްގައި މަސައްކަތްކުރާ 73 ނޫސްވެރިއަކު ސޮއިކޮށްފައި ވެއެވެ.

އެ ޕެޓިޝަނުގައި ވަނީ، ދައުލަތުގެ އިދާރާތަކުގައި މި އެދެނީ މިފަދަ މީހުންގެ މައްސަލަތައް ބަލައި، ކުށްވެރިވާނަމަ ހައްގު އަދަބު ދިނުމަށް ގޮވާލާފައެވެ. އަދި މިފަދަ ފަރާތްތަކަށް ދީފައިވާ އިނާމުތަކާއި ޝަރަފުތައް އަތުލުމަށް ގޮވާލަމުން އެ ޕެޓިޝަނުގައި ވަނީ، މުސްތަގުބަލުގައި އެއްވެސް އިދާރާއަކުން އެވޯޑުތައް ދޭއިރު މިފަދަ ސީރިއަސް ތުހުމަތުތައް ކުރެވޭ މީހުންނަށް އެވޯޑުތަކާއި ޝަރަފުތައް ނުލިބޭނެ ފަދަ ގޮތަކަށް އުސޫލުތައް އެކަށައެޅުމަށް ގޮވާލާފައެވެ.

މި ޕެޓިޝަން ހުށަހަޅާފައި ވަނީ މީޑިއާ ދާއިރާގެ އަގު ހިފެހެއްޓުމަށާއި މި ދާއިރާއަށް ރައްޔިތުންގެ އިތުބާރު އުފައްދައި އަންހެނުންނާއި ޒުވާނުން މި ދާއިރާއަށް ނެރުމަށް ކޮންމެހެން ކުރަން ޖެހިފައި އޮތްކަމެއް ކަމަށް ދެކޭތީ ކަމަށް ބުނެއެވެ. އަދި ނޫސްވެރިކަމާއި މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް އެ މީހުންގެ ހައްގުގައި މަސައްކަތްކޮށްދިނުމަށް ދިވެހި ދައުލަތުގެ އެންމެންހާ މުއައްސަސާތަކުގެ ކިބައިން މިޕެޓިޝަން މެދުވެރިކޮށް ނޫސްވެރިންގެ ވަނީ އެދިފައެވެ.