އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ކޮވިޑް-19އިން ރައްކާތެރި ވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި އެ މިނިސްޓްރީން ތަކެއްޗާއި ހިދުމަތް ހޯދުމަށްފަހު ގަވާއިދާ އެއްގޮތަށް އެކަންތައް ކޮށްފައިވާކަން ދެއްކުމަށް ލިޔުންތައް އުފައްދާފައިވާ ކަމުގެ ތުހުމަތު ކޮށްފިއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޓޫރިޒަމް ޓްރަސްޓް ފަންޑުން ކޮވިޑް-19އާ ގުޅޭގޮތުން ކޮށްފައިވާ ބައެއް ހަރަދުތައް ކުރުމުގައި މުދަލަށް އޯޑާރުކުރާ ފޯމު، އެ މުދަލެއް ގަތުމުގެ ކުރިން ފޮނުވާފައެއް ނުވައެވެ. އަދި އެ ފޯމު ތައްޔާރު ކޮށްފައި ވަނީ ތަކެތި ލިބި އެ ތަކެއްޗަށް ފައިސާ ދައްކަން ޖެހުމުން ކަމަށް އެ ރިޕޯޓުގައެވެ.

އަދި ބައެއް ހަރަދުތައް ކުރުުމުގައި މުދަލަށް އޯޑަރުކުރާ ފޯމު ތައްޔާރުކުރުމުގެ ކުރިން މުދާ ގަންނަން އެދޭ ފޯމު ތައްޔާރުކޮށްފައި ނުވާކަން ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްގައިވެއެވެ. އެގޮތުން ތަކެއްޗާއި ހިދުމަށް ހޯދުމަށްފަހު، ގަވާއިދާ އެއްގޮތަށް އެކަންތައްތައް ކޮށްފައިވާކަން ދެއްކުމަށް ލިޔުންތައް އުފައްދާފައިވާ ކަމަށް ބެލެވޭ ހަރަދުތައް އެ ރިޕޯޓުން ވަނީ ފާހަގަކޮށްފައެވެ.

  • ވިލިވަރު ކަރަންޓީން ފެސިިލިޓީއަށް ކުރި ހަރަދު: 2،689،440 ރުފިޔާ
  • ރާއްޖޭގައި ތާށިވި ފަތުރުވެރިންނަށް އެހީތެރިވެދިނުމުގެ ގޮތުން ކުރި ހަރަދު: 95،557 ރުފިޔާ
  • މެޑިކަލް ރެސްޕޮންސް ޓީމާުޅޭ ހަރަދު: 9،096،349 ރުފިޔާ
  • ތަމަލް އިމޭޖިން ބެހެއްޓުމާ ގުޅޭގޮތުން ކުރި ހަރަދު: 2،288،007 ރުފިޔާ
  • މެޑިކަލް އައިޓަމްސް ހޯދުމަށް ކުރި ހަރަދު: 7،628،959 ރުފިޔާ

މި ހުރިހާ ހަރަދުތަކަށް ޖުމްލަ ހޭދަވި ކަމަށް ބުނަނީ 21،798،312 ރުފިޔާއެވެ.

މިކަމާ ގުޅިގެން އޮޑިޓް ރިޕޯޓުގައި ވަނީ ކޮވިޑް-19އާ ގުޅިގެން ޓްރަސްޓް ފަންޑުން ހަރަދުކުރުމުގައި ސިންގަލް ސޯސްކޮށް ހަވާލުކޮށްފައިވާ ކަންތައްތަކުގައި އިތުރު ފަރާތްތައް ޝާމިލު ކުރުމުގެ ސަބަބުން ކުރަން ނުޖެހޭ ހަރަދުތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި މަސައްކަތްތައް ކުރުވި ގޮތް ނޫން މަންޒަރެއް ލިޔެކިއުމުން ދައްކަން މަސައްކަތް ކޮށްފައިވާތީ، ގަވާއިދުގައި ބުނެފައިވާ ކަންތައްތައް ފުރިހަމަކޮށްފައިވާ ކަމަށް ދެއްކުމަށްޓަކައި ލިޔެކިއުންތައް ފަހުން ތައްޔާރު ކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް އެ ރިޕޯޓުގައިވެއެވެ.

އެ ރިޕޯޓުގައި ވަނީ މިކަން އިތުރަށް ތަހުގީގު ކުރުމަށް ގޮވާލާފައެވެ.