ކޮވިޑް-19އިން އަރައިގަތުމަށް އެމެރިކާއިން ގެނައި ދުނިޔޭގެ ފެންވަރުގެ ރެސްޕޮންސް އެންޑް ކޯޑިނޭޝަން މެޑިކަލް ޓީމާ ގުޅޭ ގިނަ މައްސަލަތަކެއް ވާކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު، ކޮވިޑް-19އިން ރައްކާތެރި ވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

ސެކިއާ ސޯސް އިންޓަނޭޝަނަލް (އެސްއެސްއައި) އިން ގެނައި ޓީމުގައި ހިމެނެނީ ދެ ޑޮކްޓަރުންނާއި، ދެ ނަރުހުންނާއި، އިމަޖެންސީ މެޑިކަލް ޓެކްނީޝަނެއްގެ އިތުރުން މެޑިކަލް ޓީމް ކޯޑިނޭޓަރެކެވެ. މި މީހުން ގެނައީ 30 ދުވަހުގެ މުއްދަތަށެވެ. ނަމަވެސް އެމީހުން ގެނައުމަށް އެކުލަވާލި 30 ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެ، ދެ ޑޮކްޓަރުން ރާއްޖޭގައި ތިބޭ މުއްދަތު ވަނީ 30 ދުވަހަށް އިތުރު ކޮށްފައެވެ.

މެޑިކަލް ޓީމަށް ބޮޑެތި ހަރަދުތަކެއް

މި ޓީމު ގެނެސް، ޓީމުގެ މަސައްކަތަށް މުޅި ހޭދަވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް އަންގާފައި ވަނީ 6 މިލިއަން ރުފިޔާވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ މިކަމަށް އިތުރު، 2،860،910 ރުފިޔާ ހަރަަދު ކޮށްފައެވެ.

މި ޓީމަށް ފައިސާ ދައްކާފައިވާ ގޮތަށް ބަލާއިރު، މީގެ ކޮންމެ މީހަކަށް ވަނީ އެވްރެޖްކޮށް ދުވާލަކަށް 2000 ޑޮލަރު ހޭދަކޮށްފައެވެ. އަދި ޕްލޭނިން އެންޑް ޕްރީ ޑިޕްލޯއިމަންޓް އެޑްމިނިސްޓްރޭޝަންގެ ފީ، އިންޝުއަރެންސް ކަވަރޭޖާއި، ލީގަލްް ފީ، ރިލޭޓެޑް ފީގެ އިތުރުން ސްޓޭންޑްއައުޓް ޗާޖާއި ވަޔާ ޓްރާންސްކްރިޕްޓް ފީއަށް 513،545 ޑޮލަރު ހޭދަކޮށްފައި ވެއެވެ. މި ހަރަދުގެ އިތުރުން، ކެއުމާއި ހުރުން، ލޯންޑްރީ، މެޑިކަލް އިންޝުއަރެންސާއި ދެކޮޅު ޓިކެޓަށް ހޭދަކުރި ފައިސާއާއެކު ޖުމްލަ 8،860،910 ރުފިޔާ މެޑިކަލް ޓީމަށް ހޭދަކޮށްފައި ވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

މާލިއްޔަތު ގަވާއިދާ ހިލާފު އެތައް ކަމެއް!

މި ޓީމަށް މަސައްކަތް ހަވާލު ކޮށްފައި ވާއިރު، އެ ޓީމުގެ ފަންނީ އަދި މާލީ ގާބިލުކަން ބަލާފައެއް ނުވެއެވެ. ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނާގޮތުން 35000 އަށްވުރެ ގިނަ ފައިސާ ހަރަދުވާނެ ކަމަކަށް ބޭރުން މީހަކު ގެންނަނަމަ އެ މީހެއްގެ ފަންނީ އަދި މާލީ ގާބިލުކަން ލިޔެކިއުމުން އެނގެން އޮންނަން ވާނެއެވެ. ނަމަވެސް މިކަމުގައި ސިއްހީ ފަރާތަކާ މަޝްވަރާކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

މާލިއްޔަތު ގަވާއިދުގައިވާ ގޮތުން، މަސައްކަތުގެ ނުވަތަ ކޮންސަލްޓަންސީ ފިޔަވައި ހިދުމަތުގެ ބީލަމުގެ ޖުމްލަ އަގު 150،000 ރުފިޔާއަށް ވުރެ ބޮޑުނަމަ ހިދުމަތް ދިނުމަށް ހަވާލުވާ ފަރާތުން 45 ދުވަހުގެ ތެރޭގައި އެޑްވާންސްގެ ގޮތުގައި 15 ޕަސަންޓަށް ވުރެ ބޮޑުނުވާ އަދަދަކަށް ފައިސާ ދޭން ވާނެއެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ މެޑިކަލް ޓީމު ރާއްޖެ އައުމުގެ ކުރިން އެޓީމުގެ ޕްރޮފެޝަނަލް ފީގެ ގޮތުގައި ހަރަދު ކޮށްފައި ވާ 6،021،510 ރުފިޔާ އެސްއެސްއައި އަށް ދައްކާފައެވެ.

އަދި މި ޓީމު ގެނައުމަށް ޓޫރިޒަމް މިނިސްޓްރީއާ އެސްއެސްއައިއާ ދެމެދު އެކުލަވާލި އެއްބަސްވުމުގައި މި މަސައްކަތުގެ ސްކޯޕް ކަމަށް ލިޔެފައި ވާ ކްރައިސިސް ކޮންސަލްޓިން ކަމަށް ވީއިރު، މި މަސައްކަތުގެ ތެރޭގައި އެކުލެވެނީ ކޮން ކަންތައްތަކެއްކަން ބަޔާން ކޮށްފައެއް ނުވެއެވެ. އަދި މި މަސައްކަތަށް އެޑްވާންސް ފައިސާ ދޭންވީ ގޮތާއި، މަސައްކަތް ނިންމަންވީ ގޮތާއި، ފެންވަރު ވަޒަން ކުރާނެ ގޮތެއް ހިމަނާފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

މި އެއްބަސްވުން އެކުލަވާލަފައި ވަނީ އެސްއެސްއައިގެ މަސްލަހަތަށް ބުރަވާ ގޮތަށް އެފަރާތަށް ބޮޑު ފައިދާ ލިބޭ ފަދަ ގޮތަކަށް ކަމަށް އެ ރިޕޯޓުގައި ވެއެވެ. އެގޮތުން އެ އެބަސްވުމުގައިވާ އެންޑެމްނިޓީ ކްލޯސް ގެނެސްފައި އޮތް ގޮތުން ހިދުމަތް ފޯރުކޮށް ދިނުމުގައި އެސްއެސްއައިގެ ރޯލަކީ ހަމައެކަނި ދިވެހި ދައުލަތުން އެދޭ ކަންކަން ފޯރުކޮށް ދިނުން ކަމުގައި ވެއެވެ. އަދި ހިދުމަތުގެ މުއްދަތުގެ ތެރޭގައި ހިނގާފާނެ އެއްވެސް ގޯހަކަށް އެ ކުންފުނި އަދި އެކުންފުންޏާ ގުޅުން ހުރި އެއްވެސް ފަރާތެއް ޒިންމާވާން ނުޖެހޭނެ ކަމަށް ވެސް ވަނީ އެ ކްލޯސްގައި ވަނީ ގެނެސްފައެވެ.

ޓީމް އެކުލަވާލި ގޮތާއި، ކުރި މަސައްކަތުގެ ރިކޯޑް އެނގެން ނެތް

މެޑިކަލް ޓީމު ގެނައުމުގައި ޓޫރިޒަމް މިނިސްޓްރީން ވަނީ، އެންޑީއެމްއޭއިން ބޭނުންވާ ގޮތެއް އޮޅުން ފިލުވުމަށް ސިޓީއެއް ފޮނުވާފައެވެ. ޖަވާބުގައި އެންޑީއެމްއޭއިން ވަނީ މެޑިކަލް ޓީމުގައި މަސައްކަތް ކުރުމަށް 10 އިންޓާނަލް މެޑިކަލް އޮފިސަރުންނާއި 2 ލެބްޓެކްނީޝަނުން ބޭނުންވާ ކަމަށް ބުނެފައެވެ. ނަމަވެސް އެންޑީއެމުން އެދުނު ގޮތާ ހިލާފަށް ދެ ނަރުހުންނާއި އިމަޖެންސީ މެޑިކަލް ޓެކްނީޝަނެއް ގެނައުމަށް ހަމަޖެހުނު ގޮތެއް ލިޔެކިއުމުން ފެންނަން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

މެޑިކަލް ޓީމުގެ މަސައްކަތް ސުޕަވައިޒް ކުރީ ކޮން ފަރާތެއްކަން ލިޔެކިއުމުން އެނގެން ނެތްއިރު، އެ ޓީމުން ކުރި މަސައްކަތުގެ ތަފްސީލުވެސް ލިޔެކިއުމުން އެނގެން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

ޑޮކްޓަރުންގެ ހިދުމަތުގެ މުއްދަތު އިތުރު ކުރި ގޮތް

ބޭރުން ގެނައި މެޑިކަލް ޓީމުގެ ދެ ޑޮކްޓަރުންގެ މުއްދަތު އިތުުރު ކުރުމަށް ވަނީ ގިނަ ހަރަދުތަކެއް ކޮށްފައެވެ. ނަމަވެސް ޓޫރިޒަމް ޓްރަންސް ފަންޑުން މި ހަރަދުތައް ކުރީ އެ ޓްރަސްޓް ފަންޑު ކޮމިޓީގައި މަޝްވަރާކޮށްފައި ކަމެއް ލިޔެކިއުމުން އެނގެން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

އެސްއެސްއައިއާ އެކު ވި އެއްބަސްވުމުގައި ވާގޮތުން އެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރަން އޭޕްރީލް 1ގެ ކުރިން އެ ކުންފުންޏަށް އަންގަން ޖެހެއެވެ. ނަމަވެސް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ އެއްބަސްވުމުގެ މުއްދަތު އޭޕްރީލް 16ގައި ހަމަވެ، އޭގެ 5 ދުވަސް ފަހުން ކަމަށް ވުމުން ޓޫރިޒަމް މިނިސްޓްރީން ވަނީ އެސްއެސްއީއަށް ސްޓޭންޑް ޑައުން ޗާޖުގެ ގޮތުގައި އިތުރު 3000 ޑޮލަރު ދައްކަން ޖެހިފައެވެ.

ޑޮކްޓަރުންގެ އެއްބަސްވުމުގެ މުއްދަތު އިތުތުކޮށްފައި ވަނީ ރާއްޖެ ލޮކްޑައުން ކުރުމުގެ ސަބަބުން އެ ޓީމަށް އަނބުރާ ގައުމަށް ދެވޭނެ ގޮތެއް ހަމަޖެހިފައި ނުވާތީ އަދި އައިޖީއެމްއެޗުން އެ ދެ ޑޮކްޓަރުންގެ މުއްދަތު އިތުރުކުރުމަށް އެދިފައިވާތީ ކަމަށް މި ޑޮކްޓަރުންގެ މުއްދަތު އިތުރުކުރި ބައްދަލުވުމުގެ ޔައުމިއްޔާއިން އެނގެއެވެ. ނަމަވެސް ޑޮކްޓަރުންގެ އިތުރުން ދެން ޓީމުގައި ތިބި ފަރާތްތައް ވަނީ އެސްއެސްއައި އަށް ރީއިންބާސް ކުރާ ގޮތަށް އެ ކުންފުނިން ޓިކެޓް ކަންކަން ހަމަޖައްސައިގެން އޭޕްރީލް 21ގައި ފުރާފައެވެ.

މި ދެ ޑޮކްޓަރުން ރާއްޖޭގައި ތިބުމުގެ މުއްދަތު އިތުރު ކުރުމުގެ ސަބަބުން، ހިދުމަތުގެ ހަރަދުގެ އިތުރުން ހުރުމާއި ކެއުން އަދި ލޯންޑްރީގެ ހަރަދަށް ވަނީ އިތުރު 2،038،310 ރުފިޔާ ހޭދަ ކޮށްފައެވެ.