އަވަސް އޮންލައިންގެ ޗީފް އެޑިޓަރު އާދަމް ހަލީމް (މުންޑޫ)ގެ މައްޗަށް ކުރާ ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލައިގެ އަވަސް ތަހުގީގެއް ކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެދިއްޖެއެވެ.

އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާދަމް ހަލީމްއާ ގުޅިގެން ހުށަހެޅި މައްސަލައިގެ ތަހުގީގު އަވަސް ކޮށްދިނުމަށް އެދި ފުލުހާއި ޖެންޑާ މިނިސްޓްރީގައި އިއްޔެ އެދިފައިވާނެ ކަމަށާއި ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި މީޑީއާގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އެ ކައުންސިލުން އަބަދު ވެސް ނޫސްވެރިންނާ ގާތުން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ.

އާދަމް ހަލީމްގެ މައްސަލައިގައި ނިންމާ ނިންމުންތަކާ ގުޅިގެން ގާނޫނީގޮތުން އަޅާ ފިޔަވަޅުތަކުގެ މައްޗަށް ރިއާޔަތްކޮށް، ކައުންސިލުން އިތުރަށް އަޅަންޖެހޭ ފިޔަވަޅެއް އޮތްނަމަ އެކަން ކުރަން ފަސްނުޖެހޭނެ ކަމަށާއި މެދުނުކެނޑި އެފަދަ ތުހުމަތުތަކެއް އިވެމުން ދިއުމަކީ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށް އެ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން އެ ކައުންސިލުން ވަނީ ޖިންސީ އަނިޔާ އާއި ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ނޫސްވެރިން ސާބިތުކަމާއެކު ތެދުވުމަށާއި އެފަދަ މައްސަލަތަކުގައި އެއްބައިވަންތަކަމާއި އެއް ރޫހެއްގައި މަސައްކަތް ކުރުން މަތީ ދެމިތިބުމަށް އިލްތިމާސް ކޮށްފައެވެ.

އާދަމް ހަލީމްގެ މައްޗަށް ކުރާ ތުހުމަތުތައް ބަލައި އެކަންކަން ސާބިތުވާ ނަމަ އަދަބު ދިނުމަށާއި އާދަމް ހަލީމަށް ދީފައިވާ އާއްމު ހިދުމަތުގެ ގައުމީ އިނާމާއި ނޫސްވެރިކަމުގެ ރަން ގަލަން އަތުލުމަށް ގޮވާލައި ރައީސް އޮފީހާއި އެމްއެމްސީ އާއި ޕޮލިހާއި ހޯމް މިނިސްޓްރީ އަދި ޖެންޑާ މިނިސްޓްރީ އަށް ޕެޓިޝަނެއް ހުށަހަޅައިފައި ވަނީ މިދިޔަ އަންގާރަ ދުވަހެވެ. އޭގައި 19 މީޑިއާއެއްގައި މަސައްކަތްކުރާ 73 ނޫސްވެރިއަކު ސޮއިކޮށްފައި ވެއެވެ.