އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ކޮވިޑް-19އިން ރައްކާތެރިވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ދަށް ފެންވަރުގެ އެން95 މާސްކަށް އެ މިނިސްޓްރީން އިތުރު 1 ލައްކަ ރުފިޔާ ހޭދަކުރި ކަން ހާމަވެއްޖެއެވެ.

ކޮވިޑްގެ ދެ ކޭސް ރާއްޖެއިން ފެނުމާ ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެހީވުމުގެ ގޮތުން ޓޫރިޒަމް މިނިންޓްރީގެ އެދުމުގެ މަތިން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިތީ (އެންޑީއެމްއޭ) އިން ވަނީ އެ މިނިސްޓްރީއަށް ބޭނުންވާ ސިއްހީ އާލަތްތަކުގެ ލިސްޓެއް ބޭނުންވާ އަދަދާއެކު ފޮނުވާފައެވެ.

ނަމަވެސް އެންޑީއެމްއޭއިން އެދުނު ގިނަ ތަކެތި އެ މިނިސްޓްރީން ހޯދައި ދީފައި ނުވާއިރު، ހޯދި ތަކެތި ވަނީ ބޭނުންވާ ވަރަށް ވުރެ ގިނައިން ހޯދާފައެވެ. އެމްޑީއެންއޭއިން އެން95 މާސްކުގެ 3000 މާސްކަށް އެދިފައި ވާއިރު، މިނިސްޓްރީން ވަނީ އިތުރަށް 17،000 މާސްކު ގަނެ، އެކަމަށް އިތުރު 136،000 ޑޮލަރު ހޭދަކޮށްފައެވެ.

އެމްޑީއެންއޭއިން ލާޖް، މީޑިއަމް އަދި ސްމޯލް ތިން ސައިޒުގެ ހަޒްމަޓް ސޫޓަށް އެދިފައި ވާއިރު ޓޫރިޒަމް މިނިސްޓްރީން ވަނީ އިތުރު 2000 ހަޒްމަޓް ސޫޓް ގަނެ، އެކަމަށް އިތުރުން 80،000 ޑޮލަރު ހޭދަ ކޮށްފައެވެ. އަދި އެންޑީއެމްއޭން އެދުނު ގޮތަށް ޓޫރިޒަމް މިނިސްޓްރީން ވަނީ 100 ފޯހެޑް އިންފްރާރެޑް ތާމޯމީޓަރު ހޯދައިދީފައެވެ.

އެންޑީއެމްއޭއިން ހޯދައިދިނުމަށް އެދުނު ބައެއް ތަކެތި ޓޫރިޒަމް މިނިސްޓްރީން ހޯދައިދީފައެއް ނުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، 1500 އެޑަލްޓް ނޮން-ބްރީދަބަލް މާސްކް ވިތް ރިޒަވޮޔާ ބޭގް، 500 ޕީޑިއެޓްރިކް ނޮން ބްރީދަބަލް މާސްކް ވިތް ރިޒަވޮޔާ ބޭގް، 100 ހުޑް ފޯ ހަޒްމަޓް ސޫޓްސްގެ އިތުރުން ފިޝާ އެންޑް ޕޭކެލެ ބްރޭންޑުގެ 20 ހައި ފްލޯ އޮކްސިޖަން ނޭޒަލް ކެނިއުލާ ޑިވައިސް އަދި 200 ޑިސްޕޯސަބަލް ހައިފްލޯ ނޭޒަލް ކެނިލާއެވެ.

ގެނެސްފައިވާ ތަކެތީގެ ފެންވަރު ދަށް

އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުން، ޓޫރިޒަމް މިނިސްޓްރީން ގެނައި ތަކެތީގެ ތެރޭގައި ހިމެނޭ އެން95 މާސްކް ތަކަކީ ވެރިފައިޑް އެޕްރޫވަލް ސެޓްފިކެޓް ހުރި ތަކެތި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ނަމަވެސް، އެ އެޕްރޫވަލް ސެޓްފިކުޓުގައި ބަޔާން ކޮށްފައިވާ މޮޑެލް ނަންބަރު މިނިސްޓްރީން ގެނައި ތަކެއްޗާ ގުޅޭ އެއްވެސް ލިޔެކިއުމެއްގައި ފެންނަން ނެތް ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.

އަދި އެ މާސްކުތަކަކީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން އެދުނު ހޮސްޕިޓަލް މާސްކު ނޫން ކަމަށް ޑޮކްޓަރުން ފާހަގަ ކޮށްފައި ވެއެވެ. އަދި އެންޑީއެމްއޭއިން ވެސް ވަނީ އެ މާސްކު ތަކަކީ ދަށް ކޮލިޓީގެ ތަކެތި ކަމަށާއި އެތަކެތީގެ މައްސަލަ އުޅޭ ކަން ފާހަގަ ކޮށްފައެވެ.

މިކަން މިހެން ހިނގާފައި ވަނީ، މި ތަކެތި ގަތުމުގެ ކުރިން ސިއްހީ ދާއިރާގެ ފަންނީ ފަރާތްތަކާ މަޝްވަރާ ނުކުރުމުން ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ. އަދި ގަންނަން ބޭނުންވާ ތަކެތީގެ ފެންވަރާއި ސްޕެސިފިކޭޝަން ފަދަ މުހިންމު މައުލޫމާތުގެ ލިޔެކިއުން ބެލެހެއްޓިފައި ނެތުމުގެ އިތުރުން ލިބުނު ތަކެތީގެ ފެންވަރު ފަންނީ ފަރާތްތައް މެދުވެރިކޮށް ޗެކްކޮފައި ނުވުމުން ކަމަށް އެ ރިޕޯޓުގައި ވެއެވެ.