ކޮވިޑް-19ގެ ސަބަބުން މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ފެންނަން އޮތީ އެ މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ތަނެެވެ.

އޮޑިޓް އޮފީހުން ތައްޔާރު ކުރި މި ރިޕޯޓުގައި ބުނާގޮތުން، މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ބޮޑެތި ހަރަދުތަކެއް ކޮށް، ޓްރަސްޓް ފަންޑުން ކޮވިޑް-19އާ ގުޅޭ ކަންކަމަށް ހަރަދު ކުރަން ބަޖެޓެއް ކަނޑައެޅުމުގެ ކުރިން މުއާމަލާތްތައް ހިންގާފައި ވެއެވެ. އެގޮތުން ވަކިވަކި ކަންކަމަށް ހަރަދު ކުރާނެ އަދަދު ކޮމިޓީން ފާސްކޮށްފައި ނުވާ ކަމަށް އެ އޮޑިޓުގައި ވެއެވެ.

ކޮވިޑާ ގުޅިގެން ޓޫރިޒަމް ޓްރަސް ފަންޑުން ޖުމްލަ 26.2 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާއިރު، އޭގެ 99 ޕަސަންޓަކީ މިނިސްޓްރީގެ ތެރެއިން ކޮންމެހެން ކުރަން ޖެހޭ ހަރަދުތަކެއް ނޫން ކަމަށް އެ ރިޕޯޓުގައި ވެއެވެ. އެ އޮޑިޓުގައި ފާހަގަ ކޮށްފައި ވާ ގޮތުގައި ޓޫރިޒަމް މިނިސްޓްރީން ވަނީ އެ މިނިސްޓްރީގެ މެންޑޭޓުގައި ނުވާ، އަދި ސީދާ އެހެން މިނިސްޓްރީ ތަކުގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަންކަމަށް ބޮޑެތި ހަރަދުތައް ކޮށްފައެވެ.

ޓޫރިޒަމް ޓްރަސްޓް ފަންޑުން ކުރި ހަރަދުތައް:

  • މެޑިކަލް ކޮންސިއުމަބަލްސް އަށް: 7،731،531ރ.
  • ބޯޑަރު ބަންދު ކުރުމުން ރާއްޖޭގައި ތާށިވި ފަތުރުވެރިންނަށް: 118.842ރ.
  • ބޭރުން ގެނައި ޑޮކްޓަރުންގެ ހަރަދުތައް (ޖުމްލަ): 8،944،625ރ.
  • ހެލިކޮޕްޓަރު ކްރޫން ތިބުމުގެ ހަރަދު: 198،397ރ.
  • އެއާޕޯޓުތަކުގައި ތާމަލް ކެމެރާ ހަރުކުރުން: 1،508،529ރ.
  • ވެލިދޫ ކަރަންޓީން ފެސިލިޓީ ހެދުން: 92،462ރ.
  • ވިލިވަރު ކަރަންޓީން ފެސިލިޓީ ހެދުން: 6،510،772ރ.
  • އެހެނިހެން ހަރަދު: 107،296ރ.

ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ކޮވިޑަށް ހަރަދު ކުރުމަށް ޖުމްލަ 30،840،000 ރުފިިޔާ ކަނޑަައަޅާފައި ވާއިރު، އެއިން ހަރަދު ކުރީ 26،212،731 ރުފިޔާއެވެ. އެ ފަންޑުން ކުރާ ހަރަދެއްގެ ހުއްދަ ދޭނީ ފަންޑުގެ ހިންގާ ކޮމިޓީން ކަމަށް ވިޔަސް، ކުރި ހުރިހާ ހަރަދެއް ކޮމިޓީން ފާސްކޮށްފައި ނުވާކަން ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ހަމައެއާއެކު އެ ފަންޑުން ހަރަދުކުރާނެ ޖުމްލަ އަދަދެއް ކަނޑައެޅުމުގެ ކުރިން ޕްރޮކިއުމަންޓުގެ ކަންކަން ހިންގާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ. އެގޮތުން ފަންޑުން ހަރަދުކުރާނެ މިނވަރު ފާސްކުރުމަށް ހުށަހެޅުމަށް ފަހު، އެ އަދަދު ފާސް ނުވަނީސް ހަރަދު ކޮށްފައި ވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ. އެގޮތުން އެ ރިޕޯޓުގައި ބުނާ ގޮތުން، ޓްރަސްޓް ފަންޑުން ހޭދަކުރާނެ އަދަދެއް ކަނޑަ ނޭޅެނީސް 14،000،595 ރުފިޔާގެ ޕާޗޭސް އޯޑާރު ތައްޔާރު ކޮށްފައިވާ ކަން މިނިސްޓްރީގެ ރިކޯޑްތަކުން ދައްކައެވެ.