ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރަށް އެޅިފައިވާ ހުރަސްތަކުގެ ސަބަބުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށާއި، ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށް، ރާއްޖެއާއި އިންޑިއާ އާ ދެމެދު އެއާ ބަބްލްއެއް ގާއިމްކުރުމަށް ނިންމައިފިއެވެ.

މިއީ ކޮވިޑް-19 އަށްފަހު، ދެކުނު އޭޝިއާ ސަރަހައްދުގައި ގާއިމްކުރެވޭ މިފަދަ ފުރަތަމަ އެއާ ބަބްލް އެވެ. ފޮރިން މިނިސްޓްރީން ބުނީ މި އެއާ ބަބްލްއާއެކު ޝެޑިއުލް ފްލައިޓްތައް ދެ ގައުމުގެ ދެމެދުގައި ފެށިގެންދާނެ ކަމަށެވެ. ދަތުރުތައް ފެށިނަމަވެސް، ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެ ގައުމުންވެސް ދަމަހައްޓަމުން ގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން ބުނީ އެއާ ބަބްލްގެ ސަބަބުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވަރަށް ބޮޑުތަން ފަސޭހަ ވެގެންދާނެ ކަމަށެވެ.

އެގޮތުން ބޮޑެތި ބަލިތަކަށް، ރާއްޖެއިން ލިބެން ނެތް ފަރުވާކުރަން މިހާރުވެސް ހާއްސަ އުސޫލެއްގެ ތެރެއިން ދިވެހިންނަށް އިންޑިއާއަށް ދެވުނުނަމަވެސް، އެއާ ބަބްލް ގާއިމްކުރެވުމުން ފްލައިޓްތަކުގެ ޝެޑިއުލްތައް ކުރިއާލާ އެނގި، ދަތުރުކުރާ ބަލި މީހުންނާ އެމީހުންގެ އާއިލާތަކަށް ފަސޭހަ ވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލާފައިވުމާއި، އަދި ރާއްޖޭގެ ރިސޯޓްތަކަކީ ރާއްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދައަށް އަޅާފައިވާ ރިސޯޓްތަކަށްވުމުން، މި އެއާ ބަބްލްގެ ތެރެއިން އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއަށް އައުމަށް ފަސޭހަ ވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ރާއްޖެއަށް ކޮންމެ އަހަރަކުވެސް އިންޑިއާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާއިރު، ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި މިއީ ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 10 އިންސައްތަ ފަތުރުވެރިންނަކީ މިހާރު އިންޑިއާގެ ފަތުރުވެރިންނެވެ. ރާއްޖޭގެ ސިއްހީ ދާއިރާގައި އިންޑިއާގެ ގިނަ ބަޔަކު މަސައްކަތްކުރަމުންދާއިރު، ކޮވިޑް-19ގެ ސަބަބުން ވައިގެ ދަތުރުފަތުރު ހުއްޓުމުން ރާއްޖެއަށް ނާދެވި، ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިއްހީ އެހީތެރިން އިންޑިއާގައި އެބަތިއްބެވެ.

އެއާ ބަބްލް އުފެދުމުން، މި ފަރާތްތަކަށް ރާއްޖެއަށް އައިސް، ރާއްޖޭގެ ސިއްހީ ނިޒާމްގެ ތެރޭގައި އަލުން މަސައްކަތްކުރަން ފެށި، ސިއްހީ ނިޒާމަށް އިތުރު ލުއިކަމެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ސިއްހީ ދާއިރާގެ އިތުރުން ރާއްޖޭގެ އިގްތިސާދުގެ މުހިއްމު ގިނަ އެހެން ދާއިރާތަކެއްގައި މަސައްކަތްކުރާ އިންޑިއާގެ މަސައްކަތްތެރިން ވެސް ކޮވިޑް-19ގެ ސަބަބުން އަނބުރާ ގައުމަށް ގޮސްފައިވާއިރު، ލޮކްޑައުންއަށްފަހު ރާއްޖޭގެ އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖަހަން މަސައްކަތްކުރާ މި ދަނޑިވަޅުގައި މި މަސައްކަތްތެރިންނަށް ރާއްޖެއަށް އަނބުރާ އައިސް، އިގްތިސާދީ މަސައްކަތުގައި ބައިވެރިވުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ބޯޑަރު ހުޅުވާލިނަމަވެސް، ޝެޑިއުލް ފްލައިޓްތައް ނެތުމުން ބޭރުގައި ތިބި ގިނަ އަދަދެއްގެ މަސައްކަތްތެރިންނަށް ރާއްޖެ ނާދެވި އެބަތި ކަމަށެވެ. އަދި އެއާ ބަބްލްގެ ތެރެއިން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މޯލްޑިވިއަން އަދި އެއާ އިންޑިއާއިން މާލެ އާއި އިންޑިއާގެ އެކި ސިޓީތަކާ ދެމެދު އުދުހެން ފަށާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.