ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) 50،000 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސްގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ޕީޕީއެމް ޖޫރިމަނާ ކޮށްފައިވަނީ އެޕާޓީ އިން ހުށަހަޅާފައިވާ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި، ޕީޕީއެމްގެ ފައިސާގެ ކަންތައްތައް ބަލަހައްޓާފައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ބަޔާންކޮށްފައި ވާތީ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެޕާޓީ ޖޫރިމަނާ ކޮށްފައިވަނީ 50،000 ރުފިޔާ އަށެވެ. އެގޮތުން އެފައިސާ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.
އެޕާޓީގެ ކުރީގެ ހަޒާންދާރުގެ ގޮތުގައި ހުންނެވި އަހްމަދު މުސްތަފާ ވެސް ވަނީ 10،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އޭނާ ޖޫރިމަނާ ކޮށްފައިވަނީ އޭނާ އަކީ ޕީޕީއެމްގެ ހަޒާންދާރު ކަމުގައި ވާތީ ކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ. އޭނާ އަށް ވެސް ފައިސާ ދެއްކުމަށް ވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަސް ދީފައެވެ.
ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި، އިލެކްޝަންސް ކޮމިޝަނަށް އަހަރީ ހިސާބުތައް އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށްފަހު ހުށަހަޅަން ޖެހޭ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވަނީ ބުނެފައެވެ.
މިދަނޑިވަޅުގަ އެކި ގޮއްގުތުން ކޮންމެވެސް ބަހަނާއެއް ދައްކާފަ މީސް މީހުން އަތުގަ ހުރި ފައިސާކޮޅު ފެލާނެ.