ރާއްޖެއިން ކޮވިޑް ޖެހިގެން އިއްޔެ ނިޔާވި މީހާ އަށް އައިސޮލޭޓް ކުރަން ގުޅުނީ ނިޔާވި ފަހުން ކަމަށާއި އެކަމަށް ނިހާޔަތަށް މާފަށް އެދޭ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ އިއްޔެ އައިޖީއެމްއެޗް އީއާރުގައި ނިޔާވި 67 އަހަރުގެ މީހާ އައިސޮލޭޓް ވާން އެޗްޕީއޭ އިން ގުޅާފައިވަނީ ނިޔާވިތާ ގާތްގަނޑަކަށް 30 މިނެޓް ފަހުން ކަމަށެވެ.

އެގޮތުން އެކަން އެގޮތަށް ހިނގާފައިވުމުން އާއިލާގެ ފަރާތުން ނިހާޔަތަށް މައާފަށް އެދޭކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އައިސޮލޭޓް ކުރުމަށް ގުޅީ، މީހުން އައިސޮލޭޓް ކުރުމުގައި ޕޮޒިޓިވްވާ އުމުރުން ދުވަސްވީ މީހުންނަށް އިސްކަން ދިނުމަށް ގެންގުޅޭ އުސޫލުގެ ދަށުން ކަމަށާއި އިސްކަން ދޭ ލިސްޓުގައި އޭނާގެ ނަން އޮތުމުން ކަމަށެވެ.

އެކަހަލަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް އިންތިޒާމްތައް ހަރުދަނާކުރާނެ ކަމުގެ ޔަގީން ޑރ. ނަޒްލާ ވަނީ ދެއްވާފައެވެ.

ނިޔާވި މީހާގެ އާއިލާއިން ވަނީ ބުނާގޮތުގައި އެމީހާއަކީ ހައި ރިސްކް ގްރޫޕުގެ މީހެއް ކަމުން އައިސޮލޭޝަނަށް ގެންގޮސްދޭން ތަކުރާރުކޮށް އާދޭސް ކޮށްފައިވާ ކަމަށެވެ.

އާއިލާ އިން ވަނީ ނިޔާވި އިރުވެސް އައިސޮލޭޝަނަށް ގެންދެވިފައި ނުވާކަން ފާހަގަކޮށް އައިސޮލޭޝަނަށް ގެންދަން އެޗްޕީއޭ އިން ގުޅާފައިވަނީ ނިޔާވި ފަހުން ކަމަށް ބުނެފައެވެ. އަދި މި ކަމުގައި އެޗްޕީއޭއިން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަން އާއިލާ އިން ވަނީ ބުނެފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 21 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި 5 ބިދޭސީންނެވެ. 16 ދިވެހިންގެ ތެރޭގައި 7 ފިރިހެނުންނާއި 9 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

އެގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން 42 އަހަރުގެ ދިވެހި ފިރެހެނަކާއި 52 އަހަރުގެ އަންހެންކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ އަންހެނަކާއި 71 އަހަރުގެ އަންހެނެކެވެ. 79 އަހަރުގެ އަންހެނެކާއި 67 އަހަރުގެ ފިރިހެނަކާއި 77 އަހަރުގެ އަންހެނެއްގެ އިތުރުން 89 އަހަރުގެ ފިރިހެނަކާއި 80 އަހަރުގެ އަންހެނަކު ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.