ށ.ފުނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދިން މީހާ، ބަލިން ރަނގަޅުވެ ދޫކޮށްލައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފުނަދޫ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ މީހާ، ރަނގަޅުވުމާއެކު ދޫކޮށްލާފައިވާ ކަމަށެވެ.

އެގޮތުން މިއީ އަތޮޅު ތެރޭ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން ބައްޔަށް ފަރުވާދީ، ބަލިން ރަނގަޅުވެ ދޫކޮށްލި ފުރަތަމަ މީހާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެއީ އުމުރުން ދުވަސްވީ މީހެއް ކަން ވެސް ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.

ފުނަދޫގައި ގާއިމްކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ފެސިލިޓީތައް ރަސްމީކޮށް ހުޅުއްވައިދެއްވާފަިއވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

ފުނުދޫގައި ގާއިމް ކޮށްފައިވާ ކޮވިޑް ފެސިލިޓީގައި 20 އައިސީޔޫ ބެޑާއެކު 37 އައިސޮލޭޝަން ބެޑް ހުންނާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަލި ދެނެގަތުމަށް ތަހްލީލްތައް ކުރުމަށްޓަކައި، ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ރާއްޖޭގެ ހަތް ރަށެއްގައި ކޮވިޑަށް ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖެހިގެން ގޮސްފައިވާކަން ސަރުކާރުން އިއުލާން ކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހެވެ.

އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އިތުރުން ށ އަތޮޅު ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްފިޓަލާއި ބ އަތޮޅު ހޮސްޕިޓަލާއި ދ. ކުޑަހުވަދޫ ހޮސްޕިޓަލާއި ގއ އަތޮޅު ހޮސްޕިޓަލާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.

އެގޮތަށް ހަމަޖެހުމުން ބަލިމީހުންގެ ސާމްޕަލްތައް އެންމެ ކައިރީގައި ހުންނަ ޓެސްޓް ސެންޓަރަކަށް ގެންދެވި، ނަތީޖާ ލިބުން އަވަސްވެގެންދާނެކަން މިނިސްޓްރީން ފާހަގަކުރެއެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 143 މީހުން ޕޮޒިޓިވްވެފައިވާއިރު ޕޮޒިޓިވް ވި 143 މީހުންގެ ތެރޭގައި 140 މީހުން ޕޮޒިޓިވް ވެފައި ވަނީ މާލެއިންނެވެ. އަތޮޅުތެރެއިން ޕޮޒިޓިވްވެފައި ވަނީ 3 މީހުންނެވެ. މިއަދު 35 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު ވަނީ 5366 އަށް އަރާފައެވެ.