ވެރިކަމުގެ ރަހަ އަރު ބުޑުގައި ލައިފިއްޔާ "ހިޔަޅަކަށް" ވުރެ ނުބައި ވާނެ ކަމަށް ބައެއް މީހުން ބުނަނީ އެކިއެކި ގައުމުތަކުގައި ވެރިކަމަށް ވަޑައިގަންނަވާ ބައެއް ބޭބޭފުޅުންގެ ހުދުމުހުތާރު ސިފަޔަށް އިޝާރާތް ކޮށެވެ. އެހެނަސް ވެރިކަން ކުރައްވާ އެންމެހާ ބޭފުޅުންނަކީ އެ މަގުން ހިންގަވާ ބޭފުޅުންނެއްވެސް ނޫނެވެ. ހިތްޕުޅު ހެޔޮ، މަޑުމޮޅި ބޭބޭފުޅުންނާއި ކީރިތި ކުރެއްވޭ ބޭފުޅުންވެސް އޭގެ ތެރޭގައި ތިއްބަވައެވެ.

އަނެއް ހަގީގަތަކީ މެޖޯރިޓީ ބޭފުޅުން ވެރިކަމަށް ވަޑައިގަންނަވަނީ، ދައުރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި "އުޑުގައި ހުންނަ ތަރިތައްވެސް ބާލަން" ވައުދުވެވަޑައިގެންނެވެ. އެއް ދައުރު ނިމި އަނެއް ދައުރަށް ވެރިކަން ފުރޮޅިގެން ދާއިރު ދައުލަތުގެ ހަޒާނާގެ ފުލުގައި ލޯ ލާރިއެއް ނެތަސް ބިލިއަން ޑޮލަރުގެ ވައުދާ އެކުގައެވެ. އަނެއް ބަޔަކު އަންނަނީ ހަޒާނާ ފުރެންދެން ބާރުކޮށް ގަންނަވާފައި ހުރި ފައިސާ ކޮޅު ދޮވެލައިގެން ދައުރު ނިންމާށެވެ. އަނެއްބަޔަކު އަންނަނީ ތިމާމެންނަކީ މާ މޮޅަށް ވެރިކަން ކުރަން އެނގޭ ބައެއް ކަމަށް ކިޔާ "ސަޅިބައިސާ ކަނޑައިގެން"، "ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން" އެވެ.

ރާއްޖޭގައިވެސް ވެރިކަމުގެ އެކިއެކި ދައުރު، ދާދި އެއްގޮތަކަށް ނިމިގޮސްފައި ހުއްޓަސް ހިނގަމުން މިދާ ދައުރަކީ ވަރަށް ތަފާތު ދައުރެކެވެ. އެހެން ގޮތަކަށް ބުނާނަމަ، މައްސުނި ދައުރެކެވެ. ކަން ދިމާކުރި ގޮތުން އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެރިކަމަށް ކުރިމަތިލެއްވޭނެ ގޮތެއް ނުވުމުން، ބެސްޓް ފްރެންޑް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮނޑި ދޫކޮށްލައްވަން މަޖުބޫރުވަޑައިގަތެވެ.

"ޔޭ ދޯސުތީ ހަމް ނެހީ ތޯޅެނގޭ" އަކުން ފެށްޓެވި ނަމަވެސް މިހާރު "ކަހާނީ ގައި ޓްވިސްޓް" ވަނީ އައިސްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއެކު، 3 ބާރުގެ މައްޗަށްވެސް ނުފޫޒު ފޯރުއްވޭ މަގާމެއްގައި ރައީސް ނަޝީދު ހުންނެވި ނަމަވެސް، ސަރުކާރުގެ ދުވެލި ދަށް ކަމަށާއި ސްޕީޑެއް ވެސް ނެތް ކަމުން، ރައީސް ނަޝީދު ކަންކަން ނިންމަވަން ބޭފުޅުންފުޅުވާ "ރޮކެޓް ސްޕީޑް" ސަރުކާރުން ނުލިބިގެންނެވެ. ރައީސް ސޯލިހުގެ ކެބިނެޓަކީ ކޯލިޝަން ކެބިނެޓަކަށް ވެފައި އަމުދުން އެ ކެބިނެޓުން އެ ސްޕީޑް ނުލިބޭ ވާހަކަ ގިނަބަޔަކު ދައްކާތީވެސް މެއެވެ. ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ނުވާ ކަމާއި، ދައުރު ދެބައިވެ "ސޮލަވާތްފުޅު" ކިޔަވާ ހިސާބަށް ދިޔަ އިރު ބިންގާ ގަނޑެއްވެސް އަޅާނުލެވުނު ވާހަކަވެސް ދައްކާތީއެވެ.

ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ ގޮތް ބަލާ ފަރާތަށް ވީމައި، ދެއިރު ދެ ދަޅައަށް ކާން ޖެހޭ ބޭހެއްހެން ވަޒީރުން ހާޒިރުކޮށް "ބޮލާފޮށާ އެޅުވޭތޯ" ބަލާލެއްވެސް މަދެއް ނޫނެވެ. ސުވާލު ކުރުމުގެ ފުރުސަތު މެންބަރުންނަށް އޮއެމެ މެންބަރުން "ވިދާޅުވާން އެއުޅުއްވަނީ" އޭ ވިދާޅުވެ ރިޔާސަތުން ހިތާ ނުވާ ވަޒީރެއް ނަމަ، "ބާނާ ލެވޭތޯ" ވަރަށް މަސައްކަތް ކުރައްވައެވެ.

ވަޒީރެއްގެ އިތުބާރެއް ނެތިގެން ބޭރު ކުރާނަމަ ބޭރު ކުރަން ކިތަންމެ ވަޒީރަކު ތިއްބަވަނިކޮށް، ރައީސް ސޯލިހު އެންމެ އިތުބާރު ކުރައްވާ އެއް ވަޒީރު ބޭރު ކުރައްވަން ރައީސް ނަޝީދު އުޅުއްވާން ފެށުމުން ގިނަ ބަޔަކު ކިޔަނީ "ހަނގުރާމައެއް" އިއުލާނު ކުރެއްވީ ކަމަށެވެ. ހުރިހާ ނޫހެއްގައިވެސް އޮތީ އެ ސުރުހީއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާރު ބޭރު ކުރާން ޖެހެންޏާ އޭނާ ބޭރު ކުރާން އޮންނާނީ ބިދޭސީންގެ މައްސަލައާއި އެކިއެކި ތަންތާނގައި ހިންގާ އުމްރާނީ ތަރައްގީގެ ބައެއް ޕްރޮޖެކްޓުތައް ކަހަލަ ބޮޑެތި ކަންކަމުގައި ކޮރަޕްޝަން ހިންގަވައިފައި އޮތުމެވެ. ފައްޔާޒު ވިދާޅުވަނީ، އެފަދަ ކަމެއް ނޯންނާނެ ކަމަށާއި، ރާއްޖޭގެ އެކިއެކި ދާއިރާތަކުގައި ނުވެފައި ހުންނަ ކަންކަން، އެދާއިރާއެއްގެ ވަޒީރަކަށް ދަންނަވާލައިގެން އަވަސް ކޮށްދެއްވުމުގެ މަސައްކަތް ކުރައްވާ ކަމަށާއި އެއީ އޭނާގެ އިތުބާރު ނެތްކަމަށް ނަގަން ޖެހޭ ސަބަބު ކަމަށް ވާނަމަ މައްސަލައެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވަނީ އަދިވެސް އެކަން ކުރައްވާނެ ކަމަށެވެ.

ފައްޔާޒަކީ ބިދޭސީންގެ ކަންކަން ބަލަހައްޓަން ހަވާލުވެ ހުންނެވި ވަޒީރެވެ. ބިދޭސީންގާ ގުޅިފައިވާ ކޯޓާއާއި އެ ކޯޓާއާ ގުޅިފައި ހުރި ފައިސާގެ މުއާމަލާތްތަކަކީ އެމްއެމްޕީއާރުސީ ހިޔާނާތަށް ވުރެ ވަކި ކުޑަނޫން މުއާމަލާތްތަކެކެވެ. އާންމު އުސޫލެއްގެ ގޮތުން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓަކަށް އެންމެ ގިނަވެގެން ގެންނަން ފުރަތަމަ ހުއްދަ ދެނީ 500 ބިދޭސީން ކަމަށް ވިޔަސް ބައެއް ޕްރޮޖެކްޓް ތަކަށް 1000 އާ ގާތް ކުރާ އަދަދަކަށް ބިދޭސީން އެތެރެ ކުރަން ހުއްދަ ދީފައި އެބަހުއްޓެވެ. އަދި މި ހިނގާ ކޮވިޑްގެ ތެރޭގައި ކުންފުންޏެއްގެ ބިދޭސީން މާލޭގައި ތިއްބާ ޑިޕޮސިޓް ފައިސާ ނަގާ ބިދޭސީން ފުރުވާލާފައި ވާކަމުގެ ވާހަކަތަކެއްވެސް ދެކެވެއެވެ.

މި 2 މައްސަލައިގައި ފައްޔާރު ވިދާޅުވީ، މަސައްކަތަކަށް ބިދޭސީން އެތެރެ ކުރަން ހުއްދަ ދެނީ ހުށަހަޅާ ލިޔެކިޔުމަށް ބައްލަވާފައި ކަމަށާއި އެގޮތުން ބިދޭސީން އެތެރެ ކުރަން "ލިޔެފައި އޮތް އުސޫލެއް" ނެތަސް މިހާރު އުސޫލެއް ހަދާ އެޓާނީ ޖެނެރަލް ބައްލަވާ އެޕްރޫވް ކުރައްވާފައި ވާކަމަށެވެ.

ކޮވިޑްގެ ތެރޭގައި ބިދޭސީން ރާއްޖޭގައި ތިބެ ޑިޕޮސިޓް ނަގާފައި ފޮނުވާލި ކަމަށް ބުނާ ވާހަކަ އަކީ ގަބޫލު ކުރައްވާ ވާހަކައެއް ނޫން ކަމަށާއި، އެކަން އެހެން ހިނގާފައި އޮންނާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެން ފައްޒާޔާ ގުޅުވައި މީހުން ދައްކާ އަނެއް ވާހަކަ އަކީ، ގުޅީފަޅުގެ މަޝްރޫއުގައި ފައްޔާޒުއާ ގާތް ބަޔަކު ލައްވާ މަސައްކަތް ކުރުވާ ވާހަކައެވެ.

މި ވާހަކަތަކަކީ، ރައީސް ސޯލިހުގެ އިށީނދެވަޑައިގެން އިންނެވި ގޮނޑިކޮޅު (ކެބިނެޓް) ގެ ފަޔެއް އުފުރާލަން ޖެހޭ ސަބަބެއްތޯ ސުވާލު އުފެދެއެވެ. ރައީސް ނަޝީދު އެކަން ކުރައްވަން ނުކުންނެވި ސަބަބު އެއަށް ވުރެ ޔަގީނުންވެސް ބޮޑުވާނެއެވެ. ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ފައްޔާޒެއް ކަމަކު "ބްރޯ" ހެދިގެން ނޫޅުއް ވުމަށާއި ފައްޔާޒު ކުރައްވައިގެން ހުންނެވި ކަންތައް ފައްޔާޒަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

މި ރާއްޖޭގައި "ބްރޯ ހެދުމަކީ" އިންތިހާއަށް ނުހައްގު މުއްސަނދިކަން ހޯދުމަށް ކިޔާ ނަމެކެވެ. އެހެން ވިއްޔާ ފައްޔާޒު އެފަދަ މުއްސަނދިކަމެއް ހޯއްދެވީތޯއެވެ. ނުވަތަ ހޯއްދަވަން އުޅުއްވަނީތޯއެވެ.

ފައްޔާޒު ކުރެއްވި ކަމެއްގެ ފުރިހަމަ ތަފްސީލު ނަޝީދު ނުދެއްވިޔަސް ނަޝީދު މިހާރު އެ ހިއްޕެވީ ބެސްޓްފްރެންޑް ސޯލިހުގެ ކެބިނެޓްގެ ގޮނޑީގެ ފައެއްގައެވެ.