ޗައިނާ އިން ނަގާފައި ވަނީ ދައުލަތަށް މާބޮޑު މާލީ ބުރައެއް އަންނާނެ ލޯނުތަކެއް ނޫން ކަމަށް ކުރީގެ ރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
ދައުލަތުން ނަގާފައިވާ ލޯނުތަކާއި ދީފައިވާ ސޮވެރިން ގެރެންޓީތަކާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިސްނެގުމަކަށް ޖިހާދު މަޖިލީހަށް ހާޒިރު ކުރުމަށް ބޭއްވި ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޖިހާދު ވިދާޅުވީ ޗައިނާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރުން ނެގި އެއް ލޯނަކީ ސިނަމާލެ ބްރިޖް ހަދަން ނެގި ލޯނު ކަމަށެވެ. އެ ލޯނު ނަގާފައި ވަނީ އެެއީ ވެސް ވަރަށް ދިގު މުއްދަތެއްގައި ކުޑަ އިންޓަރެސްޓަކާ އެކު ދައްކާ ގޮތަށް ނެގި ލޯނެއް ކަމަށްވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ލޯނު ނަންގަވަން ޖެހިވަޑައިގަތީ ސަބަބެއް ކަމަށް ޖިހާދު ވިދާޅުވީ އެއީ އެވަރުގެ ލޯނެއް ދޭނެ އެހެން ބަޔަކު ނެތުމުން ކަމަށެވެ. އަދި އެކަމަށް އެއްބަސްވީ ޗައިނާއިން އެކަނި ކަމަށް ވުމުން ކަމަށެވެ.
މީގެ އިތުރުން އެ ބައްދަލުކުރުމުގައި މެންބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ޖިހާދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހުރިހާ ލޯނެއް ވެސް ނަގާފައި ވާނީ ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން އެކަށީގެންވާ ވަރަށާއި ޑެޓް ސާވިސް ރޭޝިއޯ ފަދަ ކަންތައްތަކަށް ބަލައިގެން ކަމަށެެވެ.
މަޖިލިސް ކޮމިޓީގައި އެމްޑީޕީގެ މެޖޯރިޓީ މެންބަރުން ކުރެއްވި ސުވާލަކީ ޗައިނާ އިން ނަގާފައިވާ ލޯނުތައް ނުދެއްކޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ވާނެ ގޮތަކާއި އެ ހާލަތުގައި އެ ގައުމުން ރާއްޖޭގެ ބިންތަކަކާ ހަވާލުނުވާނެތޯ ކުރެއްވި ސުވާލެވެ.
މިއަދުގެ އެ މަޖިލީހަށް ޖިހާދުގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ގަވަރުނަރު އަލީ ހާޝިމާއި އޮޑިޓާ ޖެނަރަލް ހަސަން ޒިޔަތު ވަނީ ހާޒިރުކޮށް ސުވާލު ކުރައްވާފައެވެ.