ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެފައިވާކަން އިއްޔެގެ ވަގުތެއްގައި އިއުލާން ކުރެއްވި އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބު މުކަރުޖީގެ ހާލުކޮޅު ސީރިއަސް ކަމަށާ، ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އިންޑިއާ އަސްކަރިއްޔާ ރިސާޗް އެންޑް ރެފަރަލް ހޮސްޕިޓަލް (އާރް އެންޑް އާރް) އިން ހާމަކޮށްފިއެވެ.

އުމުރުފުޅުން 84 އަހަރުގެ ޕްރަނާބު މުކަރުޖީ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ކަށަވަރުވީ އޭރުއެވެ. އޭގެ ފަހުން އޭނާގެ ސިކުނޑީގެ ސާޖަރީއެއް ހަދާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ. އެއީ ސިކުނޑީގައި ލޭކޮޅެއް ގަނޑުވެގެން ހަދަން ޖެހުނު ސާޖަރީއެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެކި ދާއިރާތަކުގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރުންގެ ޓީމަކުން ދަނީ ޕްރަނާބު މުކަރުޖީގެ ސިއްހީ ހާލުކޮޅު މޮނިޓާ ކުރަމުންނެވެ.

އިންޑިއާގެ 13 ވަނަ ރައީސްގެ ގޮތުގައި ޕްރަނާބު މުކަރުޖީ ހިދުމަތް ކުރެއްވީ 2012 އިން 2017ގެ ނިޔަލަށެވެ. އޭގެ ކުރިންވެސް އޭނާ ވަނީ ސިޔާސީ އިސް މަގާމުތަކެއް އަދާކުރައްވާފައެވެ.