ގައުމު ސޮވެރިން ޑިފޯލްޓަކަށް ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު އެހެން ވިދާޅުވެފައިވަނީ މުޅި މަޖިލިސް އެއްކޮށްލައިގެން މަޖިލީހުގައި މިއަދު ހިނގި ކޮމެޓީ ބައްދަލުވުމުގައެވެ.
ދަރަނީގެ ހިސާބުތައް އޮޅުން ފިލުވުމަށް ފިނޭންސް މިނިސްޓަރު އަމީރާއި ކުރީ ސަރުކާރުގައި ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޖިހާދު އަދި މުނައްވަރުގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރާއި ޒިޔަތު މަޖިލީހަށް ހާޒިރުކުރައްވާފައިވާއިރު އެ ކޮމިޓީގައި މެންބަރުންގެ ސުވާލުތައް އަމާޒު ކުރެއްވީ އަހުމަދު ސިޔާމްގެ ސަން ކުންފުންޏަށް މިދިޔަ ސަރުކާރުން ދިން ސޮވެރިން ގެރެންޓިއާ ގުޅޭ ގޮތުންނެވެ.
އެގޮތުން އަމީރު ވިދާޅުވީ ސަން ސިޔާމްގެ ކުންފުންޏަށް ސޮވެރިން ގެރެންޓީ ދިނުމުގައި މޯގޭޖް އެގްރީމެންޓްތައް އޮންނަ އުސޫލުގެ ތެރެއިން ހަދާފައިވާ ކަމަށެވެ.
އަމީރު ވިދާޅުވީ މިދިޔަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ދައްކަން އޮތް އިންޓްރެސްޓާއި ޕްރިންސިޕަލް ޕޭމެންޓް ނުދެއްކުނީ ކޮވިޑާ ގުޅިގެން ކުރިމަތިވި ހާލަތުގެ ސަބަބުން ކަމަށް އެ ކުންފުނިން އެންގި ކަމަށެވެ. އަދި އޭގެ އަނެއް ދުވަހު ޗައިނާ އެގްޒިމް ބޭންކުން އެ ފައިސާ ދެއްކުމަށް ދައުލަތަށް އަންގައިފައިވާ ކަމަށެވެ.
ސަން ސިޔާމްއަށް ފޮނުވީ ފަސް ދުވަހުގެ ނޯޓިސްއެއް ކަމަށާއި އެ ނޯޓިސްއާ އެއް ގޮތަށް ފައިސާ ދައްކާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެ ސޮވްރިން ޑިފޯލްޓްއަކަށް ނުދާނެ ކަމަށް އަމީރު ވަނީ ވިދާޅުވެފައެެވެ.
ސިޔާމްގެ ކުންފުންޏަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދިން ސޮވެރިން ގެރެންޓީއަކާ އެކު، ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި ބޮޑު ލޯނެއް ޑިފޯލްޓްވެ، ސަރުކާރުން 10 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ބޭންކުން ވަނީ މީގެ ކުރިން އަންގާފައެވެ. އެ ކުންފުނިން އެގްޒިމް ބޭންކުން ނަގާފައިވަނީ 127 މިލިއަން ޑޮލަރުގެ ލޯނެކެވެ.