ކެބިނެޓް މިނިސްޓަރުންގެ ތެރެއިން ހަތަރު މިނިސްޓަރަކާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ މަހު ފަހުކޮޅު އާއްމުކުރި ލިޔުންތައް ބުނާގޮތުން، މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހުގަ އާއި މަގާމުގައި އެއް އަހަރު ވުމުން ހުށަހަޅުއްވަންޖެހޭ މާލީ ބަޔާން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހުށަހަޅުއްވާފައި ނުވާ ކަމަށެވެ.

އޭގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު 2018 ވަނަ އަހަރު މާލީ ބަޔާން ހުށަހެޅުއްވި ނަމަވެސް، 2019 ވަނަ އަހަރު މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ ބުނެފައެވެ.

މިސަރުކާރުގެ ކުރީގެ ބައެއް މިނިސްޓަރުން ވެސް ގަވައިދުން މާލީ ބަޔާން ހުށަހެއް އަޅުއްވާފައިނުވާ ކަން އޮޑީޓާ ޖެނެރަލް އޮފީހުން ވަނި ބުނެފައެވެ. އޭގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ހިމެނެއެވެ. އެ ދެ ބޭފުޅުން ވެސް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހުގަ އާއި މަގާމުގައި އެއް އަހަރު ވުމުން ހުށަހަޅުއްވަން ޖެހޭ މާލީ ބާޔާން ހުށަނާޅުއްވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެއެވެ. އަދި ކުރީގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ހިއްސާކުރައްވާފައި ނުވާ ކަން ވަނީ ފާހަގަކޮށްފައެވެ.

ޕީޖީ ޝަމީމް ހުށަހަޅުއްވާފައި ނުވަނީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ހުށަހަޅުއްވަން ޖެހޭ މާލީ ބަޔާނެވެ.

ކެބިނެޓު މިނިސްޓަރުން މަގާމާ ހަވާލުވެވަޑައިގަންނަވާއިރު އަދި ކޮންމެ އަހަރަކު އެއްފަހަރު މާލީ ބަޔާން ހުށަހަޅަން ގާނޫނު އަސާސީގެ 138 ވަނަ މާއްދާގެ ދަށުން ލާޒިމުކުރެ އެވެ.