"ސްޕީކަރު މެދުވެރިކޮށް، ޕައިލެޓް ވާހަކަދައްކަމުން ދިޔަ އަޑު އަހަރެމްނަނަށް އިވުނު. އޭނާ ބުނަމުންދިޔައީ 'ކެލިކަޓް ލޭންޑް'... އެކަމަކު، ޖުމުލަ ނުނިމެނީސް ޕައިލެޓްގެ އަޑު ކެނޑުނު. އޭގެ ދެތިން މިނެޓް ފަހުން، އަހަރަމެން ތިބި ބޯޓު ވެއްޓުނީ" ޔޫޖީން ޔޫސުފް ބުންޏެވެ.

ޔޫޖީން ޔޫސްފަކީ، އޯގަސްޓް 7 ވަނަ ދުވަހުގެ ރޭ އިންޑިއާގެ ކެރެލާ ސްޓޭޓްގައި ހިނގާދިޔަ މަތިންދާބޯޓު ވެއްޓުމުގެ ހިތާމަވެރި ހާދިސާގައި ފުރާނަ ސަލާމަތްވި އެއް ފަސެންޖަރެވެ. އޭނާވެސް ހިމެނުނީ ކެލިކެޓް އެއާޕޯޓުގެ ރަންވޭ 10އަށް ޖައްސަން އުޅުނު އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓް އައިއެކްސް 1134ގައި، އެ ބިރުވެރި ވަގުތުކޮޅު ތަޖުރިބާކުރި 190 މީހުންގެ ތެރޭގައެވެ. މޫސުން އިންތިހާއަށް ގޯސްވެފައިވަނިކޮށް، އިންޑިއާ ގަޑިން 07:45 ގައި ރަންވޭއަށް ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި، ކަހާލައިގެން ގޮސް ވާދީއަކަށް ބޯޓު ވެއްޓި ދެބުރިވި ހާދިސާގައި 18 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، އޭގެ ތެރޭގައި ބޯޓުގެ 2 ޕައިލެޓުންވެސް ހިމެނެއެވެ.

ޔޫސުފް އިނީ ބޯޓުގެ ފަހަތުކޮޅުގެ ސީޓެއްގައެވެ. މި ހާދިސާގައި އޭނާއަށްވެސް ޒަހަމްތަކެއް ލިބިފައެވެ. ޒަހަމްވީ ތުންފަތާ އަތެވެ. ޔޫސުފް މިފަގުތު ހުރީ ހޯމް ކަރަންޓީނުގައެވެ.

އައިއެކްސް 1134 ގެ ބިރުވެރި ތަޖުރިބާ ހިއްސާކުރަމުން ޔޫސުފް ބުނީ، ބޯޓު ޖައްސަން އޮތް ގަޑީގެ 45 މިނެޓެއްހާއިރު ކުރިން، ފަސެންޖަރުން ސީޓްބެލްޓް އަޅަން ފެށި ކަމަށެވެ. އޭގެ ފަހުން، 20 މިނެޓް ފާއިތުވެ ދިޔައިރުވެސް، ބޯޓު އޮތީ ވައިގެ ތެރޭގައި، މަތީގައި އުދުހި އުދުހި، ބުރުޖަހާލަ ޖަހާލާ ކަމަށް ޔޫސުފް ބުންޏެވެ. ޔޫސުފް ލަފާކުރާ ގޮތުގައި އެއީ މޫސުން ގޯސްވުމުގެ ސަބަބުން، ޕައިލެޓަށް ރަންވޭ ނުފެނިގެންނެވެ.

މި ދުވަސްވަރަކީ މޫސުމީ ވިއްސާރައިގެ އެންމެ ގަދަ ދުވަސްވަރެވެ. ފްލައިޓް ވެއްޓުނު ދުވަހަކީ އިންތިހާއަށް މޫސުން ގޯސް ދުވަހެކެވެ. އެދުވަހުގެ ހެނދުނު ކެރެލާ ސްޓޭޓްގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި 40 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ގިނަ ބަޔަކު ވަނީ ގެއްލިފައެވެ.

ޔޫޖީން ޔޫސުފް/ފޮޓޯ: ބީބީސީ

ޔޫސުފް ކިޔައިދިން ގޮތުގައި ހުރިހާ ކަމެއްވެސްވީ ވަރަށް އަވަހަށެވެ. ކޮންމެވެސް އެއްޗެއްގައި ބޯޓު ޖެހުނު ކަމަށާ، ބޯޓު ވެއްޓުނީ ދެން ކަމަށް ޔޫސުފް ހަނދާން ހުރެއެވެ. އަދި ބޯޓު ތެރެއިން ރުއިމާ ހަޅޭކުގެ އަޑު އިވެމުންދިޔަ ކަމަށް ޔޫސުފް ސިފަކޮށްދިނެވެ. ޔޫސުފް ބުނި ގޮތުގައި، ބިމުގައި ބޯޓު ޖެހި 2 ބުރި ވީ ކަން އޭނާއަށް އެނގުނީ އަދި މާ ފަހުންނެވެ. ޔޫސުފަށްވެސް ބޯޓުން ނިކުމޭ ވަރުވީ 20 މިނެޓްގެ މަސައްކަތުންނެވެ.

ކެލިކަޓް ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ފްލައިޓް އައިއެކްސް 1134 ޖައްސަން ދިޔައީ 184 ފަސެންޖަރުންނާ، 6 ކުރޫއިންނާއެކުގައެވެ. ފްލައިޓްގައި ތިބީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާއެކު ގައުމުން ބޭރުގައި ހާލުގައި ޖެހުނު މީހުން އަނބުރާ ގައުމަށް ގެނައުމަށް އިންޑިއާ ސަރުކާރުން އޮޕަރޭޓް ކުރަމުންދާ މިޝަންގެ ދަށުން އެ ގައުމަށް ދަތުރު ކުރަމުންދިޔަ ފަސެންޖަރުންނެވެ. މީގެ ތެރޭގައި ބަނޑު ބޮޑު މީހުންވެސް ތިއްބެވެ.

ބޮއިންގް 737 މަރުކާގެ މަތިންދާ ބޯޓު ރަންވޭ މަތިން ކަހާލައިގެން ވެއްޓުނީ 35 ފޫޓު ތިރީގައި އޮތް ވާދީއަކަށެވެ.

އިންޑިއާގެ އޭވިއޭޝަން މިނިސްޓަރު ހަރްދީޕު ސިންހް ޕޫރީ ވިދާޅުވީ، ހާދިސާ ހިނގަން މެދުވެރިވި ވަކި ސަބަބެއް ދަންނަވަން އަދި މާ އަވަސް ކަމަށެވެ. ހަމަ މިއާއެކު، އޭނާ ވަނީ ބޯޓުގެ އިސް ޕައިލެޓަށް ތައުލީފުވެސް ކުރައްވާފައެވެ.